އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ޖަރނީ" އިން ފަށްޓަވާ "އައި ކޮންޓްރޯލް މައި ބްރެއިން" "ތިމާގެ ނަފްސު ތިމާ ކޮންޓްރޯލް ކުރަމާ" ކެމްޕޭން ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ. ދަރުބާރުގޭގައި މިރޭ ބޭއްވެވި ޙަފްލާއެއްގައި، މި ކެމްޕޭން އިފްތިތާޙް ކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ އަމިއްލަ ޖަމްޢިއްޔާއަކުން މިފަދަ އިތުރު މަސައްކަތެއް ފަށްޓަވާކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެ ޖަމްޢިއްޔާގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި މިކަމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ، މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވަޢުދެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް މި ވޭތުވެދިޔަތާނގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެކި ފަރާތްތައް ގުޅިގެން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިއީ، ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، ސަރުކާރުން މެދުނުކެނޑި މި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މަސްތުވާތަކެތީގެ ބިލަށް ގެންނަވަން ފެނިވަޑައިގަންނަވާ އިޞްލާޙުތައް ގެންނަވައި ވެވަޑައިގެންހާ އަވަހަކަށް މިބިލު ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ޖެހިފައިވުމާއެކު، އެ އަދަދުތައް ބެއްލެވުމަށްޓަކައި އަންނަ ޖުލައި މަހު ޤައުމީ ފެންވަރުގައި ސަރުކާރުން ސަރވޭއެއް ފަށްޓަވާނެކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.