މޫސުމަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑަށް ފޯރާފައިވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި، ޚާއްޞަގޮތެއްގައި ކުދި ޖަޒީރާ ޤައުމުތަކަށް ކްލައިމެޓް އިންވެސްޓްމަންޓް ފަންޑް (ސީ.އައި.އެފް.) ގެ ސްޓްރެޓީޖިކް ކްލައިމެޓް ފަންޑުން ޚާއްޞަ އިސްކަމެއްދޭ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އެންވޯއީ ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އަދި ސީ.އައި.އެފް.ގެ ސްޓްރެޓީޖިކް ކްލައިމެޓް ފަންޑްގެ ކޯ-ޗެއަރ އަޙްމަދު ޝަފީޤް އިބްރާހީމް މޫސާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިހާރު ހިނގަމުންދާ، ސީ.އައި.އެފް.ގެ 2011ވަނަ އަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރުވަމުންދާއިރު، ސީ.އައި.އެފް.އިން މިރޮނގުން ކުރިއަށް ދިޔުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ސީ.އައި.އެފް.ގެ ސްކޭލިން އަޕް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސް.އާރ.އީ.ޕީ.)ގެ ދަށުން، ޤައުމުތަކުގައި ކުރެވޭ އިޢާދަކުރެވޭ ހަކަތައިގެ އިންވެސްޓްމަންޓްތަކަށް، އަޖުމަބެލުމުގެ ގޮތުން އެހީތެރިކަން ފޯރުވައިދިނުމަށް ހަމަޖެހިފައިވާ ހަ ޤައުމު ނުވަތަ ޕައިލޮޓް ކަންޓްރީޒްގެ ތެރޭގައި ރާއްޖެވަނީ ހިމެނިފައިވެއެވެ. މިގޮތުން، 2010ވަނަ އަހަރުގެ ޖޫންމަހު، ސީ.އައި.އެފް.ގެ އެސް.އާރ.އީ.ޕީ. ސަބް-ކޮމިޓީންވަނީ ރާއްޖޭގައި ކުރެވޭ އިޢާދަކުރެވޭ ހަކަތައިގެ އިންވެސްޓްމަންޓްތަކަށް އެހީވުމަށް 30 މިލިއަން ޑޮލަރު ދިނުމަށް ކަނޑައަޅާފައެވެ. މި އެހީއަކީ، މީގެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރަށް (ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު)، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، އެހީދޭ ޤައުމުތަކާއި، އަދި އަމިއްލަ ފަރާތްތަކުން ފަންޑިން ހޯދުމަށް ލެވަރޭޖްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިސާއެވެ.

ކޭޕް ޓައުންގައި މިހާރު ކުރިއަށްދާ ސީ.އައި.އެފް.ގެ ޕާޓްނަރޝިޕް ފޯރަމްގައި، ސީ.އައި.އެފް.ގައި ބައިވެރިވާ ބައިނަލްއަޤްވާމީ އެހީދޭ ބޭންކްތައް ކަމުގައިވާ އެފްރިކަން ޑިވެލޮޕްމަންޓް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޔޫރަޕިއަން ބޭންކް ފޮރ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް، އިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް އަދި ވާރލްޑް ބޭންކުންނާއި، އ.ދ.ގެ އޭޖެންސީތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި އަދި ކަމާބެހޭ އެހެން ހުރިހާ ފަރާތްތައް ބައިވެރިވެއެވެ. މިއީ، ސީ.އައި.އެފް.ގެ ނަތީޖާތަކާބެހޭގޮތުންނާއި، ކްލައިމެޓް ފައިނޭންސިންއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، އެފްރިކާގެ 15 ޤައުމަކާއެކު ޖުމްލަ 45 ޤައުމަކުން، ދުއިސައްތަ ފަންސާހަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މިއަހަރުގެ ފޯރަމްގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތަކާބެހޭގޮތުންނާއި، ފަހުގެ ހޯދުންތަކުގެ މަޢުލޫމާތު ޙިއްޞާކުރުމާއި، ތިމާވެށްޓާ ރައްޓެހި، އާ ޓެކްނޮލޮޖީތައް އުފެއްދުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާތައް ބޭއްވޭނެއެވެ.

މި ފޯރަމްގެ ތެރޭގައި، މި މަހު 23 ވަނަދުވަހު ކުރިއަށްދިޔަ ސްޓްރެޓީޖިކް ކްލައިމެޓް ފަންޑްސްގެ ޓްރަސްޓް ފަންޑް ކޮމިޓީގެ މީޓިންގެ ރިޔާސަތު ބަލަހައްޓަވައިދެއްވައި، މި ފޯރަމް ތެރޭގައި ބޭއްވުނު ސީ.އައި.އެފް.ގެ ގަވަރނަންސްއާ ބެހޭ ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު ޝަފީޤް އިބްރާހީމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.