ދިވެހިރާއްޖެއަކީ ހިއުމަން ޓްރެފިކިންގގެ ހާއްޔަކަށްވިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެވާ ބިދޭސީންގެ ޢަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އިތުރުވާ ބިދޭސީންގެ ކަންތައްތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާތީއާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވުމާއެކު، މިއަދުގެ ރޭޑިޔޯ ޚިޠާބުގައި، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރަން ތިބީ ނުވަދިހަ ހަތަރުހާސް ބިދޭސީން ކަމަށާއި، އެހެން ނަމަވެސް، ހިއުމަން ރިސޯސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ތިބީ ހަތްދިހަ ތިންހާސް މީހުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު، ސާޅީސްހާހަށްވުރެ މަތިވާނެ ކަމަށް ލަފާކުރެއްވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިހިސާބަށް މިކަން ގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް، އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީއާއި އަދި ބޭރު މީހުން ރާއްޖެ އައުމާއި، ރާއްޖޭގައި މަސައްކަތް ކުރުމާއި، ދިރިއުޅުމާ ބެހޭގޮތުން ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަން ބައްލަވައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، އެގޮތުން ރާއްޖެއަށް ބިދޭސީން އިތުރުވުމުގައި، ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބައްލަވައި، އެކަންކަމުގެ ތަޙުޤީޤު ހިންގެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިހާރު ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އެމް.އެން.ޑީ.އެފް.ގެ ބެއްލެވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައި.ޓީ ނިޒާމު ބަލަހައްޓަވައި، ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، މިހާރުހުރި ޤާނޫނުތައް ފުރިހަމައަށް ތަންފީޛު ކުރައްވައި، އޭގައި ހުރި އުނި ކަންތައްތައް ބައްލަވައި އިޞްލާޙު ކުރެއްވުމަށާއި، އިމިގްރޭޝަން އޮފިސަރުންގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ތަމްރީނު ދެއްވުމާއި، ސުލޫކީ މިންގަނޑުތަކެއް ކަނޑައެޅުއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިތުރުވާ ބިދޭސީންގެ ކަންތައްތައް ޙައްލު ކުރެއްވުމަށް އެޅުއްވެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިންސާނީ ކަރާމާތަށް އިޙްތިރާމްކުރާ ޤައުމަކަށް އަދި ރާއްޖޭގެ ރައްޔިތުންނަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ތަހުޒީބީ ދިރިއުޅުމަކަށް ދިޔުމަށް މަސައްކަތްކުރާ ބައެއް ކަމަށް ހެއްދެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.