ޢުމުރުން ދުވަސްވީ މީހުންނާ ދޭތެރޭގައި މިހާރަށްވުރެ ބޮޑަށް އަޅާލެއްވުމަށާއި، އެމީހުންނާ ދޭތެރޭގައި އިހާނެތިކޮށް ނުހިއްތެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވި، އެމީހުންނާ ޙަވާލުވާނެ މީހަކުނެތި، ބިކަ ޙާލުގައި ބައެއް މީހުން އުޅެންޖެހޭތަން ފެންނަމުންދާކަމީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަދަ ޙާދިޘާއެއް، މިމަހު ދިމާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، ޢުމުރުން 79 އަހަރުގެ ފިރިހެނަކު، އޭނާ ދިރިއުޅޭ ރަށުން މާލެ އައިސް، އަޅާލާނެ މީހަކު ނެތިގެން، މިމަހުގެ 8 ވަނަ ދުވަހު ސަރުކާރުން އެމީހާއާ ޙަވާލުވި ކަމަށާއި، އެމީހާ، އޭނާގެ ޢާއިލާއާ ޙަވާލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވައި، އޭނާގެ ތިން ދަރިންނާ ގުޅުމުންވެސް، އޭނާއާ ޙަވާލުވާނެ ދަރިއަކުވެސް ނުވިކަމުގައި ވިދާޅުވިއެވެ. އަދި އެންމެފަހުން މި މަހުގެ 12 ވަނަ ދުވަހު މިމީހާ ނިޔާވެފައިވާ ކަމަށާއި، ޢުމުރުން ދުވަސްވީ މީހަކު ސަރުކާރު ފިޔަވައި އަޅާލާނެ އެއްވެސް ފަރާތެއްނެތި ބިކަ ޙާލުގައި މިދުނިޔެ ދޫކުރިކަން އެއީ، ހިތާމައެއް ކަމުގައި ވިދާޅުވިއެވެ. ޢުމުރުން ދުވަސްވީ މީހަކާ ދޭތެރޭގައި އަޅާނުލެވި، މިފަދަ ދެރަގޮތެއް މެދުވެރިވެގެން ނުވާނެ ކަމަށާއި، އެމީހުންގެ ހުރިހާ ކަމެއް ޢާއިލާތަކުން ވަރަށް ގާތުން ބަލައި، އޯގާތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޢުމުރުން ދުވަސްވީ މީހުންނަކީ، އެމީހުންގެ ދަރިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ އެހީއާއި މަދަދު ވަރަށް ބޮޑަށް ބޭނުންވާނެ ބައެއް. އޯގާތެރިކަމާއެކު އެމީހުން ބަލައި، އަޅާލައި، އެމީހުން އަބަދުވެސް ހިތްހަމަޖައްސައިދިނުމަކީ، އެ ޢާއިލާއެއްގެ ކޮންމެ މެންބަރެއްގެ ވާޖިބެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.