މާލޭ ސިޓީ ކައުންސިލުން އަޖުމަ ބެއްލެވުމުގެ ގޮތުން މާލޭގައި ފަށްޓަވާ ބަސްދަތުރުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން، މާލޭ އަލިމަސް އުފާ ކާނިވާ ކުރިމަތިން، ބޮޑުތަކުރުފާނު މަގު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ބަހުގައި، މާލޭ ހުޅަނގުދެކުނު ހާބަރު ސަރަޙައްދަށް ދަތުރުކުރެއްވިއެވެ. އަދި އެއަށްފަހު، އެނބުރި، އަލިމަސް އުފާ ކާނިވާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ބަހުގައި ދަތުރުކުރެއްވިއެވެ. މި ދަތުރުގައި، މާލޭ ސިޓީގެ މޭޔަރާއި، އަދި މާލޭ ސިޓީ ކައުންސިލްގެ އެހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަހުގައި ހުޅަނގު ދެކުނު ހާބަރު ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދުގައި ހުރި ކެފޭއަކުން ހެނދުނުގެ ސައިފޮދު ހިއްޕެވިއެވެ.

އަޖުމަ ބެއްލެވުމުގެ ގޮތުން، މާލޭ ސިޓީ ކައުންސިލުން، މާލޭގައި ބަހުގެ ޚިދުމަތް ދެއްވަނީ އެމް.ވީ.ކޭ. އާ ހަވާލުކުރައްވައިގެންނެވެ. ބަހުގެ ޚިދުމަތް މިހާރުވަނީ ޢާންމުކޮށް ހުޅުވާލައްވާފައެވެ. މިއަދު ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ. ނަމަވެސް، މާދަމާއިން ފެށިގެން ކޮންމެ ފަސިންޖަރެއްގެ އަތުން ފަސް ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ.