ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި، ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައިފިއެވެ. މިގޮތުން އެޅުއްވުމަށް ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގައި ބޭނުންކުރުމަށް އަލުން އިންފޮމޭޝަން ސިސްޓަމެއް ބިނާކުރެއްވުމާއި، އެ އިންފޮމޭޝަން ސިސްޓަމްގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރެއްވުން ހިމެނެއެވެ. އަދި މި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރައްވާއިރު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓާ ގުޅޭގޮތުން، މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ، ނެކްސްބިޒްއާ ކޮށްފައިވާ އެގްރީމެންޓުގެ ކަންތައްތައް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މީގެއިތުރުން، ބިދޭސީންގެ މަޢްލޫމާތު ރައްކާކުރުމަށް އެކި މުއައްސަސާތަކުން ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ރެގިއުލޭޓްކުރާ ފަރާތަކީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ކަމަށް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ. އަދި ބިދޭސީންގެ މަޢްލޫމާތު ރައްކާ ކުރުމަށް މުއައްސަސާތަކުން ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން މަސައްކަތް ކުރުމަށް ޓީމެއް އުފެއްދެވުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އެއްއުޞޫލަކުން ބިދޭސީންގެ މަޢްލޫމާތު، ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުން ގެންދާނެ ގޮތުގެ ފުރިހަމަ ޑޭޓާ މެޕެއް އެކުލަވައިލެއްވުންވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބިދޭސީންގެ މަޢްލޫމާތު ބަލަހައްޓާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލެއްވުމާއި، ބިދޭސީންނާ ބެހޭގޮތުން އެޅޭ މަޢްލޫމާތުތަކުގެ ޞައްޙަކަން ބެއްލެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުންވެސް ހިމެނެއެވެ.

[ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވައިލެންސް އަގައިންސްޓް ޗިލްޑްރަން] (ސައިވެކް) ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. ސައިވެކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ 8 ޤައުމު ކަމަށްވާ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނެޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނޭގޮތަށް، އެޤައުމުތަކުގެ ސަރުކާރުތަކާއި، އ.ދ.ގެ ކަމާބެހޭ ޖަމްޢިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާއެކު، ހެޔޮގޮތުގައި އެކުދިން ބޮޑުވުމަށްޓަކައި އެކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ހޯދައިދިނުމަށް އުފައްދާފައިވާ އިނީޝިއޭޓިވެކެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިއާ ސަރަޙައްދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އެކަމަށް ދުނިޔޭގެ ފެންވަރުގަޔާއި، ސާކް ފެންވަރުގައި އެއްބަސްވެފައިވާ މުޢާހަދާތަކާއި، ޕްރޮޓޮކޯލްތައް ތަންފީޛު ކުރުމަށް ބާރުއަޅާ މިފަދަ ސަރަޙައްދީ ޖަމްޢިއްޔާއެއް ނެތުމާއި، މިދައުރަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު، ދިވެހި ބޭފުޅަކު ފުރުއްވަމުން ގެންދަވާ ދައުރަކަށްވާތީ، މިޖަމްޢިއްޔާ ރާއްޖޭގައި ރަޖިސްޓްރީ ކުރުމަކީ، ދިވެހި ސަރުކާރުން ކުޑަކުދިންގެ ޙައްޤުތަކަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް، މިކަން ހެޔޮގޮތުގައި ބަލައިގަންނާނޭ ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.