ރަޝިޔާގެ އެއަރލައިން ރަސްއެއަރގެ މަތިންދާބޯޓެއް، ރަޝިޔާގެ ހުޅަނގު އުތުރު ސަރަޙައްދަށް ވެއްޓި، އެބޯތުން ދަތުރުކުރި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާތީ، އެކަމުގެ ހިތާމައިގައި، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މެޑްވެޑޭވަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސްޖްގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރަޝިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް މެޑްވެޑޭވަށާއި، އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.