ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވަފުދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ތިމާވެށްޓާބެހޭ ކަންކަމާއި، ރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން، މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފް ކުރުމުގަޔާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ޖަރުމަނުވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި، ޖަރުމަނުވިލާތުގެ ޗާންސެލަރަށާއި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާއި، ރައްޔިތުންނަށް އެމީހުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ ރާއްޖެއަށް ގެނެވިފައިމިވާ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން އަދާކުރާ ދައުރުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބަލައި، ދިރާސާ ކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް، އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަކާބެހޭގޮތުން ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ޙާޞިލު ކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި، މި ލަނޑުދަނޑި ޙާޞިލު ކުރުމަށް، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު ޞިނާޢަތް ކަމަށްވާ ޓުއަރިޒަމް ބިނާވެފައި އޮތީ، ރާއްޖޭގެ ތިމާވެށީގެ މައްޗަށް ކަމަށްވުމާއެކު، ރާއްޖޭގެ އިޤްތިޞާދަށްޓަކައިވެސް ތިމާވެށި ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތުގައި ރާއްޖެ ތަރައްޤީ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޖަރުމަނުގެ ޤާނޫނުހަދާ މަޖިލީހުގެ ވަފްދުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އޮމާންކަމާއެކު ޑިމޮކްރަސީ ޤާއިމްކުރެވިފައިވާތީ، އެކަން ފާހަގަކުރެއްވިއެވެ.