ރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި، މަސައްކަތުގެ ވެށްޓާގުޅޭގޮތަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ މަތީ ތަޢްލީމާބެހޭ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ވަރލްޑް ބޭންކުގެ އެހީގައި މިއަދު ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ހަރުދަނާ ކުރުމަށް، ޕަބްލިކް އިންސްޓިޓިއުޝަންތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރެވިދާނެ ދާއިރާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއާ ބޮޑަށް ގުޅުންހުރި ޤައުމުތަކުގެ ތަޢުލީމީ ނިޒާމަށް ބައްލަވައި، އެ ޤައުމުތަކުން ރާއްޖެ ތަޖުރިބާ ޙާޞިލު ކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ވަރލްޑް ބޭންކުން ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ވަރލްޑް ބޭންކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.