ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީ ހުޅުއްދުއްފާރަށް މިއަދު މެންދުރުފަހު ވަޑައިގެން، އެރަށު ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއާއި، ރަށު ކައުންސިލް މެދުވެރިކުރައްވައި އެ ރަށަށް ސަރުކާރުން ފޯރުއްވައިދެއްވާ ޚިދުމަތްތަކާއި، އެ ރަށުގައި ސަރުކާރުން ހިންގަވާ ޕްރޮގްރާމްތައް ހިންގެވުމަށްޓަކައި ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރަށުގެ ނަރުދަމާއާއި ކަރަންޓާ އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުއްވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާބެހޭ މައުލޫމާތު ކައުންސިލަށް ދެއްވައި، މިކަންކަމާބެހޭގޮތުން ކައުންސިލްގެ ޚިޔާލު އެމަނިކުފާނު ހޯއްދެވިއެވެ.

މީގެއިތުރުން، ރަށުގައި ހުރި ދައުލަތުގެ ބިންތައް ކައުންސިލާ ހަވާލުކުރައްވަން ފަށްޓަވާފައިވުމާއެކު، ރަށުގެ ބިމުގެ ފުރިހަމަ އިޤްތިޞާދީ ފައިދާ ހޯއްދެވުމަށް ޕްލޭނެއް އެކަށައަޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ލާމަރުކަޒީ އުޞޫލުން ހިންގެވުމަށް، ކައުންސިލާ ހަވާލުކުރައްވާފައިވާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ. އަދި ރަށުގެ ތަޢުލީމީ ފެންފަރު ރަނގަޅު ކުރެއްވުމަށްޓަކައި، ކައުންސިލްގެ ބެއްލެވުމުގެ ދަށުން އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެވަޑައިގެންފިއެވެ.