ރާއްޖޭގެ ތަޢްލީމީ ކަންކަމާއި، ކުދި ރަށްރަށުގެ މަދްރަސާތައްވެސް ހަރުދަނާ ގޮތެއްގައި ހިންގަވަމުން ގެންދެވުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށާއި، ވަރަށްބޮޑު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަނގޮޅިތީމް ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރެއްވުމަށާއި، އެސްކޫލްގެ 2010 ވަނަ އަހަރުގެ އިނާމު ދެއްވުމަށްޓަކައި މިއަދު ހެނދުނު އެސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުދި ރަށްރަށާ އަޅާނުލައްވައި، މި ސަރުކާރުން ދުލެއްނުކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކިތަންމެ ކުޑަ އާބާދީއެއް އޮތް ނަމަވެސް، ރާއްޖޭގެ މިފަދަ ކޮންމެ ރަށެއްގެވެސް ދަރިކޮޅު، އެތައް އެތައް ސަތޭކަ އަހަރަކަށް ދެމިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އެބައެއްގެ ޙަޔާތާއި އެބައެއްގެ ކާބަފައިންގެ މުޅި ޙަޔާތްވެސް ހޭދަވެފައި އޮންނަނީ، ހަމަ އެ ފަސްގަނޑުގައި ކަމަށާއި، އެހެންކަމުން، ކިތަންމެ މޮޅު އެހެން ގޮތެއް އޮތް ކަމަށް، ބަޔަކު ބުނި ނަމަވެސް، ރަށް ދޫކޮށް، އެހެން ތަނަކަށް ދިޔުމަކީ، ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ކުދި އާބާދީތަކުގައިވެސް އެންމެ ރަނގަޅު ފެންވަރަކަށް ތަޢްލީމު ދެވޭނެ ގޮތްތަކަކާ ދޭތެރޭގައި ސަރުކާރުން ވިސްނަވަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ކުއްޖަކަށްވެސް ހަމަހަމަ ގޮތެއްގައި އެންމެ ރަނގަޅު ތަޢްލީމު ފޯރުވައިދެއްވުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށާއި، އެމަސްއޫލިއްޔަތު އަދާކުރުމުގައި، ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވަނީ، ސަރުކާރުގެ މާލިއްޔަތު ތަންދިން މިންވަރަކުން އަދި ފުއްދުންތެރިކަން ހުރިވަރަކުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ފައިސާ ޚަރަދު ކުރައްވަންޖެހެނީ، މުޅި ރާއްޖެއަށް އެންމެ ފައިދާވާ، އެންމެ ފައިދާ ކުރާނެ ގޮތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޭމްބްރިޖް އިމްތިޙާނުގައި ބައިވެރިވާ ކުދިން، 5 މާއްދާއިން C ގްރޭޑަށްވުރެ މަތިން ފާސްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، އެހެންކަމުން، މަދްރަސާތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި، އެތަނެއްގައި ހުރި ފައިސާއާއި ލިބޭ އާމްދަނީއާއި އަދި ހުރި ވަސީލަތްތައް، އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވައިލައްވަމުން ގެންދަވާ ސިޔާސަތުތައް ތަންފީޛުވީމާ، އަނގޮޅިތީމް ސްކޫލަށާއި އަދި މިފަދަ ކުދި މަދްރަސާތަކަށް ލިބޭ ފައިދާ، މިހާރަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އަނގޮޅިތީމު މަދްރަސާގެވެސް އަދި ރާއްޖޭގެ ކޮންމެ މަދްރަސާއެއްގެވެސް ބޭނުމަކީ، ދަރިވަރުންނަށް ކިޔަވައިދީ، ރަނގަޅު ތަޢްލީމެއް ދިނުން ކަމަށާއި، މަދްރަސާއަކީ ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަށް ހަދާ ތަނެއް ނޫން ކަމުގައި ވިދާޅުވިއެވެ. ލިބިފައި ހުރި ފުރްޞަތުތަކުގެ ބޭނުން ހިފައިގެން، ރައްޔިތުންނަށް އާމްދަނީ ހޯދައިދިނުމަށްޓަކައި ހިންގަންޖެހޭނީ އެހެން ޕްރޮގްރާމްތަކެއް ކަމަށާއި، އެހެން ނަމަވެސް، އެޕްރޮގްރާމްތައް ނުހިންގައި، މަދްރަސާއަށް ގެއްލުންވާކަހަލަ ގޮތަކަށް އަދި މަދްރަސާއަށް ކަނޑައެޅޭ ބަޖެޓްގެ ބޮޑު ބަޔަކީ، މިގޮތަށް ޚަރަދުކުރެވޭ ކަމެއްގެ ގޮތުގައި އޮތުމަކީ، މަދްރަސާއަށާއި ޚާއްޞަކޮށް، ރަށުގެ ތަރައްޤީއަށް ލިބޭ ގެއްލުން ވަރަށްބޮޑުވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި އަނގޮޅިތީމު ސްކޫލްގެ ރިހި ޔޫބީލްގެ އެވޯޑްތަކާއި، އެސްކޫލުން 2010 ވަނަ އަހަރު އެކިއެކި މަގާމުތައް ޙާޞިލްކުރި ކުދިންނަށް، އެވޯޑާއި ސެޓްފިކެޓްތައް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.