"ޓެކްނޮލޮޖީގެ އެހީއާއެކު، ތަޢުލީމާއި މަސައްކަތުގެ އާޖީލަކަށް"، މި ޝިޢާރުގެ ދަށުން، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި، ރާއްޖޭގައި ޓީޗަރުންނަށާއި، ޒުވާނުންނަށް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި، މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ދިނުމަށް ހިންގަވާ "ޓެކްނޮލޮޖީ ފޮރ ދަ ފިއުޗަރ އޮފް ނެކްސްޓް ޖެން" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްޓަކައި، މިއަދު ހެނދުނު އާރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވުމަށްޓަކައި، ޒުވާނުންނަށް އެކި ހުނަރުތައް ދަސްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ބޮޑު ބަޔަކީ ޒުވާނުން ކަމަށާއި، މީގެތެރެއިން ގިނަބަޔަކީ ވަޒީފާއެއް ނެތް ޒުވާނުންކަމުގައި ވިދާޅުވިއެވެ. ނަމަވެސް ގިނަ ޒުވާނުން ވަޒީފާ ނެތިފައި ތިބީ، ރާއްޖޭގައި ވަޒީފާ ނެތިގެން ނޫންކަމަށާއި، ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރު ނެތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮންމެވެސް ވަރެއްގެ ހުނަރެއް ލިބިގެން، ރާއްޖޭގެ ޒުވާނުންނަށް އަދާކުރެވިދާނެ 30000 ވަޒީފާގެ ފުރުޞަތު މިހާރުވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ އެބައޮތްކަމަށާއި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިފަދަ ވަޒީފާތަކަށް ޒުވާނުން ތަމްރީނު ކުރެއްވުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި، އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ ބޭނުންތައް ދެނެވަޑައިގެން، ރާއްޖޭގައި މީހުން ތަމްރީނު ކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށް، އިތުރު ޕްރޮގްރާމްތައް ހިންގެވުމަށް، ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް އިންޑިޔާ ސަރުކާރުން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ، ރާއްޖޭގެ ޓީޗަރުންގެ ފެންވަރު މަތިކުރެއްވުމަށްޓަކައި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިމުގެ ހުނަރު ދަސްކޮށްދެއްވުމާއި، ޒުވާނުންގެ މެދުގައި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ.) ބޭނުންކުރުން އިތުރުކުރުމަށްޓަކައި، ޒުވާނުންނަށް އައި.ޓީ. ޚިދުމަތް ފޯރުއްވައިދެއްވުމާއި ތަމްރީނު ދެއްވުމެވެ. މިގޮތުން، މިޕްރޮގްރާމްގެ ދަށުން، އައި.ސީ.ޓީ.ގެ ދާއިރާއިން 2880 ޓީޗަރުންނަށާއި، 1600 ޒުވާނުންނަށް ތަމްރީނު ދެއްވައި، އަދި 800 ޒުވާނުންނަށް ވޮކޭޝަނަލް ތަމްރީނު ދެއްވުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢު ހިންގުން ހަވާލުކުރައްވާފައިވަނީ، އައި.ސީ.ޓީ.ގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގައި އިންޑިޔާއާއި އޭޝިޔާގައިވެސް މަޝްހޫރު، އިންޑިޔާގެ އެން.އައި.އައި.ޓީ.އާ އެވެ. އަދި މި މަޝްރޫޢު ހިންގުމުގައި، އެން.އައި.އައި.ޓީ.ގެ ޕާޓްނަރެއްގެ ގޮތުން އިންޑިޔާގެ އިލެކްޓްރިކަން އިންޖިނިއަރިން އިކުއިޕްމަންޓް ކޮމްޕެނީ (އީ.އީ.އީ.ސީ.) ހަރަކާތްތެރިވާނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހިކަމުގައިވާ، ތަމްރީނު ބޭނުންވާ ދާއިރާތައް ކަނޑައަޅުއްވައި، މި ޕްރޮގްރާމް ހިންގެވުމަށް ރާއްޖެއިން ލިބެން ހުރި ވަސީލަތްތައް ދެނެގަތުމުގެ ފިޔަވަހި މިހާރުވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ދާ ރަށްރަށާއި އަތޮޅުތަކުގެ ކައުންސިލަރުންނަށް ހިންގާ މަސައްކަތު ބައްދަލުވުން، މި މަޝްރޫޢު އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އާރަށުގައި ވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ދަށުން، ޓީޗަރުންނާއި، ޒުވާނުން ތަމްރީނު ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަށް އިންޑިޔާ ސަރުކާރުގެ ހިލޭ ދެއްވުމުގެ އެއްބަސްވުމުގައި، ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ސޮއި ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ 23ގައެވެ. މިއީ އިންޑިޔާ ސަރުކާރުގެ 5.7 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.