ކުށުގެ ރެކޯޑު ސާފުކުރެއްވުމުގައި ޢަމަލު ކުރައްވާނެ އުޞޫލެއް، ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާއިން މިއުޞޫލު ކަނޑައެޅުއްވީ، މި ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް އެދުވަހުގެ ޖަލްސާއިން ނެންގެވި ކެބިނެޓް ސަބް ކޮމިޓީއިން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ 43 އިންސައްތައަކީ ޒުވާނުން ކަމަށްވީހިނދު، މަސައްކަތުގެ މާޙައުލަށް ބަލާއިރު، ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ކުރިމަތިލާ ޒުވާނުންނަށް އެކަށީގެންވާ ފުރްޞަތުތަކެއް ލިބެންޖެހޭ ކަމާއި އަދި ކުށުގެ ރެކޯޑު އޮތުމުގެ ސަބަބުން ވަޒީފާ ނުލިބޭކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުށުގެ ރެކޯޑު ބަލަމުން ގެންދާ މިންގަނޑު އޮންނަ ގޮތުން، ކިތަންމެ ކުޑަ ކުށެއް ކުރެވިފައިވާ މީހެއް ކަމުގައިވިޔަސް، 5 އަހަރުގެ ރެކޯޑަކަށް ބަލާއިރު، ވަރަށްގިނަ ހުނަރުވެރި ޤާބިލު ޒުވާނުންތަކެއް، މަސައްކަތުގެ މާޙައުލުން ބޭރުވެ، ވަޒީފާއެއް ނުލިބި ތިބެންޖެހޭ ޙާލަތްތައް ދިމާވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. މިއުޞޫލަށް ބަދަލުތަކެއް ގެންނަވައިފިނަމަ، ވަޒީފާގެ ބާޒާރަށް ނުކުންނާނޭ އިތުރު ހުނަރުވެރި ދިވެހިން ލިބުމުގެ މަގު ތަނަވަސްވެގެންދާނެކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ކުށުގެ ރެކޯޑު ސާފުކުރެއްވުމުގައި ޢަމަލު ކުރައްވަން މިކަނޑައެޅުއްވި އުޞޫލު، ސަރުކާރުން އިޢްލާނު ކުރައްވާނެއެވެ.