މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެތީގެ ދެވިން ސަލާމަތްކޮށް، އެމީހުން އަނބުރާ މުޖްތަމަޢަށް ގެންނަން ބޭނުންވާނަމަ، މަސްތުވާތަކެތި ބޭނުންކުރުމަކީ، ކުށްވެރި ޢަމަލެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އިޖްތިމާޢީ މައްސަލައެއްގެ ގޮތުގައި ބަލަގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ރާއްޖޭގައި މިއަދު ފެށުނު "ސައުތު އޭޝިޔާ ރީޖަނަލް ޓްރެއިނިން އޮން ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ފޮރ ޓްރީޓްމެންޓް ޕްރޮފްޝަނަލަސް" ވާކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރުމަކީ، އިޖްތިމާޢީ މައްސަލަތަކާ ސީދާ ގޮތުން ގުޅުން ހުރި މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ޤައުމުގެ މުއްސަނދިކަން ރައްޔިތުންގެ މެދުގައި ހަމަހަމަ ގޮތެއްގައި ބެހިގެން ނުދިޔުމާއި، ފަޤީރުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އިޖްތިމާޢީގޮތުން އެކަހެރިވުމަކީ، މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައިވެސް، މަސްތުވާތަކެތީގެ މައްސަލައަކީ، ކުށުގެ ޢަމަލެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިޖްތިމާޢީ އަދި ޞިއްޙީ މައްސަލައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އަންގަވައިދެއްވުމަކީ ކުރައްވަން ޖެހިވަޑައިގަންނަވާ ވަރަށް ބޮޑު މަސައްކަތެއްކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ގްލޯބަލް ކޮމިޝަން އޮން ޑްރަގް ޕޮލިސީއިން މި ޖޫންމަހު ނެރުނު މުހިންމު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

މި ރިޕޯޓުގައި މަސްތުވާތަކެއްޗާމެދު ސަރުކާރުތަކުން ވިސްނާގޮތް ބަދަލުކުރުމަށް ގޮވާލާފައިވާކަން ބަޔާންކުރައްވައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ވަސީލަތްތައް ހަރުދަނާ ކުރުމަށް ޤައުމުތަކަށް ލަފާދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި މިއަދުން ފެށިގެން މިމަހުގެ 22 އަށް ކުރިއަށްދާ މި ވާރކްޝޮޕަކީ، ކޮލަމްބޯ ޕްލޭންގެ އެހީގައި، އެމެރިކާގެ ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާރކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި، ޔޫ.އެން.އޯ.ޑީ.ސީ.އާއި ދިވެހި ސަރުކާރު ގުޅިގެން ބާއްވާ ވާރކްޝޮޕެކެވެ.