ސްރީލަންކާގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ކޮމަރސް ރިޝާދު ބަތީޢުއްދީން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގައި ޞުލްޙަ ޤާއިމްކުރެވި އެ ޤައުމު އަލުން އާރާސްތު ކުރެވުމަކީ، އެކަމުން ރާއްޖެއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއިން ސްރީލަންކާއާއެކު ބާއްވާ ގުޅުމާއި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތައް ހަރުދަނާ ގޮތުގައި ދަމަހައްޓަވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ ވިޔަފާރިއާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ކޮމާރސް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޚާއްޞަގޮތެއްގައި މަސްވެރިކަމާއި، އެކުއަރކަލްޗަރ އަދި، އިމާރާތްކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޖްތަބާ ބައިވެރިވެވަޑައިގެންނެވިއެވެ.