ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޖެފްރީ ކުއިންޓަން ޑޮއިޖް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ، ދެކުނު އެފްރިކާގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ދެކުނު އެފްރިކާއާ ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެ ޤައުމުގެ އެއްބާރުލުން ރާއްޖެއަށް އަބަދުވެސް ލިބެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖެއާއި، ދެކުނު އެފްރިކާއާއި ދެ ޤައުމުގެ ދެމެދުގައި، ވިޔަފާރީގެ ގުޅުން ބަދަހިކުރައްވައި، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ދެކުނު އެފްރިކާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. އަދި ދެކުނު އެފްރިކާއަކީ، ރާއްޖޭގެ ބާޒާރަށް ބޭނުންވާ ވަރަށް ގިނަ މުދާ އުފައްދާ ޤައުމަކަށްވެފައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަކީ އެކަމުން ދެ ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއްކަންވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ދެކުނު އެފްރިކާގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުގެ ރަސްމިއްޔާތުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.