އިންޑިޔާގެ ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓްރީޒް (އާރ.އައި.އެސް.)ގެ ޗެއަރމަން އަދި އިންޑިޔާގެ ކުރީގެ ފޮރިން ސެކްރެޓަރީ އެމްބެސެޑަރ ޝިޔަމް ސަރަންއާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރާއްޖެއިން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާބެހޭގޮތުންނާއި، މިފިޔަވަޅުތައް ހަރުދަނާގޮތުގައި ތަންފީޒުކުރުމަށް، އިންޑިޔާގެ އެއްބާރުލުން ހޯއްދެވުމާބެހޭ ގޮތުންނެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީގައި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދައުރު ފުޅާކުރެއްވުމަށްޓަކައި ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރެއްވުމާ ބެހޭގޮތުންނާއި، މިރޮނގުން އިންޑިޔާއިން ވެދެއްވެން ހުރި އެހީތެރިކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމްބެސެޑަރ ޝިޔަމް ސަރަން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުއްވައިދެއްވުމަށްޓަކައި، ޓެލެމެޑިސިންގެ ޒަރީޢާއިން ރާއްޖޭގެ ހޮސްޕިޓަލްތައް ގުޅާލެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢު ފުރިހަމަކުރެއްވުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ނިޒާމް މެދުވެރިކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އިންޑިޔާގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށްޓަކައި އެޅުއްވުން މުހިންމު ފިޔަވަޅުތަކާބެހޭގޮތުންވެސް އެމްބެސެޑަރ ޝިޔަމް ސަރަން، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ. މި މޭރުމުން، އެމްބެސެޑަރ ޝިޔަމް ސަރަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެކި ދާއިރާތަކުން ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމް ކުރައްވައި، ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ހަރުދަނާ ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ނިއުދިއްލީގައި ޤާއިމްކޮށްފައިވާ ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓްރީޒް (އާރ.އައި.އެސް.)އަކީ، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން، ބައިނަލްއަޤްވާމީ އިޤްތިޞާދާއި، ތަރައްޤީގެ އެއްބާރުލުމާބެހޭ ސިޔާސަތުތައް ދިރާސާކުރާ މިނިވަން އިދާރާއެއް، ނުވަތަ ތިންކް-ޓޭންކެކެވެ. އާރ.އައި.އެސް.ގެ މައިގަނޑު މަޤްޞަދަކީ، ބައިނަލްއަޤްވާމީ އިޤްތިޞާދާ ގުޅޭގޮތުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި، ސިޔާސަތާބެހޭ ހަރުދަނާ މަޝްވަރާތައް ބޭއްވުމާއި، މިކަންކަމާ ގުޅޭ ދާއިރާތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާބިލްކަން އިތުރުކުރުމެވެ.