އިންޑިޔާގެ މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ އާނަންދު ޝަރުމާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އިންޑިޔާ ސަރުކާރުން ދެއްވަމުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި، ދެއްވާ އެއްބާރުލެއްވުމަށްޓަކައި، އިންޑިޔާގެ ބޮޑުވަޒީރަށާއި، އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާބެހޭގޮތުންނާއި، ޚާއްޞަގޮތެއްގައި ރާއްޖޭގައި ކުރިއަށްދާ ތިމާވެށްޓާ ރައްޓެހި ގޮތުގައި ހަކަތަ އުފެއްދުމުގެ މަޝްރޫޢާބެހޭ މަޢުލޫމާތު، އިންޑިޔާގެ ކޮމާރސް މިނިސްޓަރަށް އެރުއްވިއެވެ. މީގެތެރެއިން، ބައެއް މަޝްރޫޢުތަކަކީ އިންޑިޔާގެ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫޢުތައްކަން ފާހަގަކުރައްވަމުން، މި މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ކޮމަރސް މިނިސްޓަރާ މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ވިޔަފާރިއާއި ޞިނާޢަތްތަކާބެހޭ ވަޒީރާ މަޝްވަރާކުރެއްވިއެވެ. މިގޮތުން، ސާކްގެ ޤައުމުތަކުގެ މެދުގައި ޤާއިމް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ދަތުރުފަތުރުގެ ނިޒާމް ޤާއިމް ކުރެއްވުމުގައި، މި އަހަރުގެ ސާކް ސަމިޓްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މި އަހަރުގެ ސަމިޓްގައި، ސާކްގެ ޤައުމުގެތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ކޮމާރސް މިނިސްޓަރ އާނަންދު ޝަރުމާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވައި، އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރަޙައްދީ އެއްބާރުލުން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް އިންޑިޔާ ސަރުކާރުން ތާއީދު ކުރައްވާ ކަމަށާއި، އެކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް އިންޑިޔާއިން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

އިންޑިޔާގެ ކޮމަރސް މިނިސްޓަރުގެ ވާހަކަފުޅުގައި، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށާއި، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ މަޝްރޫޢުތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އިންޑިޔާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި، މި ރޮނގުންނާއި، އިތުރު އެހެންދާއިރާތަކުން، ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާނެ ކަމުގައިވެސް އިންޑިޔާގެ ކޮމާރސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޟީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.