ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސްރީލަންކާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ބަންދުލަ ގުނަވަރުދަނަ، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން، ތަޢްލީމީ ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ. މިގޮތުން، ތަޢުލީމީ ރޮނގުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ސްރީލަންކާއިން އިތުރު ޓީޗަރުން ރާއްޖެއަށް ގެނައުމުގެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ، އެކަމުން ދެޤައުމަށްވެސް ތަޢުލީމީ ރޮނގުން ފައިދާކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއް ގާއިމްކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ އެކި ކުންފުނިތަކާއި އަދި އެކި މުއައްސަސާތަކާ ގުޅިގެން ރާއްޖޭގައި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުން އިތުރު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީ، ސެކަންޑަރީ، ޓަރޝަރީ ތަޢުލީމާއި އަދި ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.