بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 10 ޖޫން 2011 ވީ ހުކުރު ދުވަސް.

ނިމުނު ހަފްތާގެ ތެރޭގައި، އުތުރުގެ ސަރަޙައްދުގެ އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލް މެންބަރުންނާ އަޅުގަނޑު ބައްދަލުކޮށްލައި، ސަރުކާރުން މިވަނީ ވަރަށް މުހިންމު މަޝްރޫޢެއް ފަށްޓާފައި. ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒު ކުރެވިގެން، މިދިޔަ ބުދަ ދުވަހު މަނަދޫގައި ސަރުކާރުން މިވަނީ މި ރާއްޖޭގެ ރަށްތަކުގެ ބިންވެރިކަން، ރާއްޖޭގެ ކައުންސިލްތަކަށް އަދި ރާއްޖޭގެ ރައްޔިތުންނަށް މިލްކުކޮށް، މުޢާމަލާތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ފަށްޓާފައި.

ރާއްޖޭގެ ރަށްތައް ތަރައްޤީވެ ދިޔުމަށްޓަކައި، މި ރާއްޖޭގެ ރައްޔިތުންގެ ޙާލަތު މިހާރު އޮތް ޙާލަތުން އަޅުގަނޑުމެން މި އުންމީދުކުރާ ފޯރުންތެރި ޙާލަތްތަކަށް ބަދަލުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ، ރަށްވެރިކަމުގެ ތަރައްޤީކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ، މި ރާއްޖޭގެ ތާރީޚާއި އަދި އެހެނިހެން ޙަޤީޤަތްތަކުންވެސް އަޅުގަނޑުމެންނަށް އެނގެން އޮތް ކަމެއް.

ބިންބިމަކީ އެއީ ހިފެހެއްޓިފައި ނުވަތަ ބައްކުރެވި ތާށިކުރެވިފައިވާ މުދަލެއްގެ ގޮތުގައި އޮތުމުން، ނުލިބިދާ ފައިދާއާއި އަދި އިތުރަށް ލިބެވޭނެ ގެއްލުން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އެއްވެސް މުދަލެއް ހިފަހަށްޓައިފިނަމަ އެ މުދަލެއް ތާށިވާނެކަމީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭންއޮތް ޙަޤީޤަތެއް. ބިމުގެ ތާށިކަން ބޮޑުވެފައި ހުރި މިންވަރާއި އަދި ބިމުގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް މެދުވެރިވާ ހުރަސްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީ މިވަނީ އެތައް ތަނަކުން މަޑުޖެހިފައި. ރާއްޖޭގެ ރައްޔިތުންނަށް ލިބެވޭ އާމްދަނީއިން ބޯހިޔާވަހިކަމެއް ހޯދުމަށް އިސްނަގައި އުޅެވޭނެ އެންމެ ފަސޭހަ އެއްމަގަކީ، ޤައުމުގެ މާލިއްޔަތަށާއި، އިޤްތިޞާދާއި ފުއްދުންތެރިކަމުގެ ތެރެއަށް ބިމުގެ އަގު ގެނެވުން.

މި ސަރުކާރުގެ އަމާޒަކީ، ބަންޑާރަ ބިން ރައްޔިތުންނަށް ބަދަލުކުރުން. ދިވެހި ކޮންމެ ރައްޔިތަކަށް ބިމަކީ މިލްކު ކުރެވޭނެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެންދިޔުން. އެމުދާ އެއީ ރައްޔިތުންނަށް މުޢާމަލާތްކޮށްގެން، މުއްސަނދިކަން އިތުރުކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރްޞަތު ހުޅުވައިލުން. ބިން އެއީ ކެޕިޓަލް ރައުސްމާލެއްގެ ގޮތުގައި ހަމަޖެއްސުން.

ބިމާއި އަދި ބިމާ ގުޅިފައިވާ މުދަލާ ގުޅޭގޮތުން ގެންނަންޖެހޭ ޤާނޫނީ އިޞްލާޙުތައް ސަރުކާރުން ފާހަގަކޮށް، މިމަހުގެ ތެރޭގައި، މިދެންނެވި ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ވަނީ ކަނޑައެޅިފައި. މި އިޞްލާޙުތަކުގެ ތެރޭގައި، ބިންބިމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙާއި، އެއްމެދު މުދަލާބެހޭ ބިލަކާއި އަދި ރަހުނު ނުވަތަ މޯގޭޖާބެހޭ ބިލެއް ހިމެނޭ.

މިދެންނެވި އިޞްލާޙުތަކުގެ ސަބަބުން، އެއް ޢިމާރާތެއްގައި ހުންނަ އެކި ފްލެޓް ނުވަތަ އެކި ބޯހިޔާވަހި، ތަފާތު މީހުންގެ މުދަލުގެ ގޮތުގައި މިލްކު ކުރެވޭނެ އުޞޫލުތަކެއް ހިމެނޭ. ރަހުނު އެކުލެވިގެންވަނީ ބިމުގައި އެކަނި ކަމަށް ބެލެވިގެން، ވިޔަފާރީގެ މުޢާމަލާތް ހިންގޭ ގޮތަށް އޮތުން އެއީ މިއަދުގެ ރާއްޖޭގައި އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއް ނޫން.

ބިމުގައި އަޅާފައި ހުންނަ ޢިމާރާތުގެ ބައިބައި، ވަކިން މީހުންނަށް މިލްކު ކުރެވޭނެ ގޮތެއް މެދުވެރިކުރުން ސަރުކާރަށް މުހިންމުވެފައިވަނީ، ފައިސާ ދިގު މުއްދަތަކަށް ބަހާލައިގެން ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމް ފަހިކުރުމަށްޓަކައި. މިހާރުގެ ޤާނޫނީ ހަމަތަކުން، ފްލެޓް ލިބޭ މީހެއްގެ މިލްކަކަށް އެތަން ވެގެން މިދަނީ ފައިސާ ދައްކައި ނިމުނީމާ. ފައިސާ ދެއްކުމަށް ވިހި ފަންސަވީސް އަހަރު އެބަ ނަގާ. އެހެންކަމުން، އެމުއްދަތުގެ ތެރޭގައި، ބާކީ އޮތް ބަޔަށް މުޢާމަލާތް ކުރެވޭނެ ގޮތެއް މިއޮންނަނީ ނުފެނިފައި. މިދެންނެވި ބަދަލު ގެނެވުނީމާ، މިދެންނެވި ހުރަސްތައް ނެތިގެންދާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން.

ރަހުނާ ގުޅޭ ޤާނޫނަށް ގެނެވޭ ބަދަލާއެކު، އެއްމެދު ޢިމާރާތާއި މުދަލާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގެ ސަބަބުން އަޅުގަނޑު މި އުންމީދު ކުރަނީ، ދިވެހި ދައުލަތުގެ މުއްސަނދިކަން އެތައް ގުނަ އިތުރުވެގެންދާނެ ކަމަށް.

ނިންމާލުމުގެ ކުރިން، މި ރާއްޖޭގެ އެންމެހާ ދަރިވަރުންނަށް ދެތިން ބަހެއް ބުނެލަން އަޅުގަނޑު ބޭނުން. އަހަރުމެދުތެރޭ ޗުއްޓީ ނިމި ސްކޫލްތަކުގެ ކިޔެވުން، އަންނަ އާދީއްތަ ދުވަހު ފެށޭއިރު، ކުރިއަށް އޮތް ފިލާވަޅުތަކާމެދު އިތުރު ސަމާލުކަންދީ، ފަރުވާތެރިކަން ބެހެއްޓުމަށާއި، ދެން އޮންނަ އިމްތިޙާނުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް ހުރިހާ ކުދިންވެސް ޢަޒުމް ކަނޑައެޅުމަށް އަޅުގަނޑު ހަނދާންކޮށްދެން. ކިޔަވާ ކުދިންނަށް ހިތްވަރު ދެއްވުމުގައި މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޓީޗަރުން ކުރައްވަމުން ގެންދަވާ މިންނެތް ބުރަ މަސައްކަތްޕުޅަށް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަ އެންމެ ބޭފުޅުންވެސް ތިޔަ ކުރައްވާ މަސައްކަތްޕުޅުތައް ގުޅިފައި ހުރީ ހަމަ މި ރާއްޖޭގެ، މިޤައުމުގެ ކުރިއެރުމާއި ތަރައްޤީއާކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________