ކައުންސިލްތައް އިންތިޚާބު ކުރެވި ހިނގަން ފެށުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުގައި، ރަށްރަށުގައި ހުރި ދައުލަތުގެ ބިންބިމާއި، މިލްކިއްޔާތު ރަށު ކައުންސިލްތަކާ ޙަވާލުކުރެއްވުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފަށްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މި ޕްރޮގްރާމް ފަށްޓަވައިދެއްވީ، މިއަދު މެންދުރުފަހު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި، އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު މި ހިންގޭ މަޝްރޫއަކީ، މިރާއްޖޭގެ ރަށްތަކުގެ މިލްކުވެރިކަން ނުވަތަ ރަށްރަށުގެ ބިންވެރިކަން، ރާއްޖޭގެ ކައުންސިލްތަކަށް އަދި ޚާއްޞަ ގޮތެއްގައ ރާއްޖޭގެ ރައްޔިތުންނަށް ފުރޮޅާލުމުގެ ޢަމަލީ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު މިހާރު އޮތް ޙާލަތުން ރައްޔިތުން އުންމީދުކުރާ އަނެއް ޙާލަތަށް ބަދަލުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ރަށްވެހި ކަމުގެ ތަރައްޤީކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ތިބެގެން ރާއްޖޭގެ ރަށްރަށާއި، އެ ރަށްރަށުގެ ވަސީލަތްތަކާއި، މުއްސަނދިކަން ކޮންޓްރޯލްކޮށް ހިފަހައްޓައިގެން، ރާއްޖޭގެ ރައްޔިތުން އުންމީދުކުރާ ތަރައްޤީއާއި ބަދަލު، މި ރާއްޖެއަށް ނުގެނެވޭނެ ކަމަށާއި، ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކޮށްގެން ރާއްޖެ ތަރައްޤީ ކުރުމަކީ، އެހެން ޤައުމުތަކުގައިވެސް އެކަން ކޮށްފައި އޮތް ފަދައިން، މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތްކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ، ކައުންސިލްތަކާ ޙަވާލުކުރެވިފައިނުވާ، މީހުން ދިރިއުޅޭ ބަންޑާރަ ބިން، ރައްޔިތުންނަށް ބަދަލުކުރެއްވުންކަން ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ ބޭނުންފުޅަކީ ކޮންމެ ރައްޔިތަކަށް، ބިމަކީ މުދަލެއްގެ ގޮތުގައި ދެއްވައި، އެ މުދާ އެއީ އެ ރައްޔިތުންނަށް މުޢާމަލާތްކޮށްގެން މުއްސަނދިކަން އިތުރުކުރެވޭނެ މުދަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރްޞަތު ހުޅުވާލެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން ސަރުކާރުން ރައްޔިތުންނަށް މި ދެއްވަނީ ވިޔަފާރިކުރުމަށް ކެޕިޓަލެއް ކަމަށާއި، އެ ކެޕިޓަލް ނުވަތަ އެ މުދާ ބޭނުންކޮށްގެން ނޫންގޮތަކަށް ތަރައްޤީއެއް ނުގެނެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ބަންޑާރަބިން، އަމިއްލަ ބިމުގެ ގޮތުގައި ބަދަލުކުރެވޭއިރު، އެ ނެގޭ ޓެކްސް ނެގުމާއި، މި ބާވަތުގެ ކަންކަން ދޫކޮށްލެއްވުމަށް، ޓެކްސްއާއި، ބިމާގުޅޭ ޤާނޫނުގައި މިފަހަރު އިޞްލާޙު ހުށަހެޅިގެން އަންނާނެ ކަމަށާއި، އޭގެ ބޭނުމަކީ ފަސޭހަކަމާ އެކުގައި ބިމުގެ މުޢާމަލާތް ހިންގޭނެގޮތްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ކައުންސިލްތަކަށް ބިން ބަދަލުވެ، ކައުންސިލްތަކަށް ބިން ލިބުމުން، އެބިމުގެ ބޭނުންކޮށްގެން، ރަށުގެ ތަރައްޤީއާއި، މިރާއްޖޭގެ ތަރައްޤީ މިހާރު ހޯދެމުންމިދާ ހަލުވިމިނަށްވުރެ، މާ ބާރުމިނެއްގައި ކުރިއަރައިދާނެ މަގު ފަހިކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސިލްތަކުން އެބިން ބޭނުންކުރެއްވުމުގައާއި، ބިމުގެ މުޢާމަލާތްތައް ހިންގެވުމުގައި ޒިންމާދާރު، އިންޞާފުވެރި، އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިއަދު މެންދުރުފަހު މަނަދޫގައި ބޭއްވެވި، ކައުންސިލްތަކާ ބިން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި، މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށާއި، ފާދިއްޕޮޅުގެ ރަށްރަށުގައި، ދައުލަތުގެ މިލްކިއްޔާތުގައި ހުރި ބިންބިން، އެ ރަށްރަށުގެ ކައުންސިލްތަކާ ޙަވާލުކުރެއްވުމުގެ ލިޔުމުގައި ސޮއިކުރެއްވުން އޮތެވެ. މި ލިޔުމުގައި ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން ބިންބިމާ ޙަވާލުވުމުގެ ލިޔުމުގައި ސޮއިކުރައްވައި، އެ ލިޔުމާ ޙަވާލުވެވަޑައިގެންނެވީ، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނެވެ.