ފަރަންސޭސި ބަހާއި، ފަރަންސޭސި ޘަޤާފަތާއި އާދަކާދަ، ދުނިޔޭގައި ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމުގައިވާ އަލިއޯންސް ފްޣޮންސޭޒްގެ މާލޭ ގޮފީގެ އޮފީސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޤައުމީ ކުތުބުޚާނާ ހުންނަ ޢިމާރާތުގައި ޤާއިމް ކުރެވިފައިވާ މިއޮފީސް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، މިކަމަށްޓަކައި ޤައުމީ ކުތުބުޚާނާގައި ރޭ ބޭއްވެވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަރަންސޭސިވިލާތުގެ ގުޅުން ފެށިގެން ގޮސްފައިވަނީ، 1700ގެ އަހަރުތަކުގެ ތެރޭގައިކަން ފާހަގަކުރައްވައި، އެ ދުވަސްވަރު މަލާބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެވުނު މަސައްކަތުގައި، ފަރަންސޭސިންގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން ތާރީޚުން ފެންނަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

އެދުވަސްވަރުން ފެށިގެން ރާއްޖެއާއި ފަރަންސޭސި ރައްޔިތުންނާ ދެމެދު ގުޅުން އުފެދި ކުރިއަށް ގޮސްފައިވާކަން ބަޔާން ކުރައްވަމުން، ރާއްޖޭގެ ގިނަ މީހުން، ފަރަންސޭސި ބަހުން ވާހަކަ ދައްކާ، ލިޔެކިޔަން ފެށުމުން، ފަރަންސޭސި ލައިބްރަރީތަކުގައި ހުރި ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި ހިނގާފައިހުރި މުޢާމަލާތްތަކުގެ ރެކޯޑްތައް ފެނި، އެކަންކަމުގެ މަޢްލޫމާތުތައް ރާއްޖޭގައި ލިބުން އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރުފް ކުރެވުމާ ގުޅިގެން، ރާއްޖެއިން އާ ޞަފްޙާއެއް ފަށާފައިވާ ކަމަށާއި، ރާއްޖެއިން ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް ލިބިފައިވާ ޑިމޮކްރަސީއާއި، މިނިވަންކަން ޙިއްސާކުރާ ދުނިޔޭގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް، ގިނަ ދިވެހިން މިހާރު އިސްކަންދޭން ފަށާފައިވާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް ފަރަންސޭސިވިލާތުން ފޯރުކޮށްދިން އެހީގެ ދަށުން ރާއްޖޭގެ ރަށެއްގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް މިދެއްވާ އެހީގެ ދަށުން، ދެރަށެއްގެ ބަނދަރު ހައްދަވައި، ދެރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަކީ، މެދު އާމްދަނީގެ ޤައުމަކަށް މިއަހަރުން ފެށިގެން ބަދަލުވުމާއެކު، ރާއްޖެއިން ބޭނުންވަނީ، އެ މަގުގައި ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭނުންވަނީ ހިލޭ އެހީ ނޫން ކަމަށާއި، ރާއްޖެއިން ބޭނުންވަނީ، ރާއްޖެއާއި އެހެން ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި، އެކުވެރިކަމާއި، ދެނެގަތުން އިތުރުކުރަންކަން ބަޔާން ކުރައްވަމުން، ފަރަންސޭސިވިލާތުން ރާއްޖެއަށް އެ އެކުވެރިކަމާއި، އެ ދެނެގަތުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކްރިސްޓީން ރުބިޝޯންއާއި، ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުންގެންދާ ފަރަންސޭސި ނޭވީގެ ދެމަނަވަރުގެ ކެޕްޓަނުންނާއި، ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޙަފްލާއަށްފަހު، އަލިއޯންސް ފްޣޮންސޭޒްގެ މާލޭ ގޮފީގެ ފަރާތުން އިންތިޒާމް ކުރެއްވި ފަރަންސޭސި ފިލްމަތަކުގެ ފެސްޓިވަލް ފެށިގެންދިއައެވެ. މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަރަންސޭސި ފިލްމް ފެސްޓިވަލެވެ.

1883 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ޕެރިހުގައި އުފެދުނު އަލިއޯންސް ފްޣޮންސޭޒްގެ މައިގަނޑު މަސައްކަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރަންސޭސި ބަސް ކިޔަވައިދިނުމާއި ފަރަންސޭސި ބަސް ކުރިއެރުވުމެވެ.