"މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2011" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.

ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، މާލޭ ކުޅިވަރު އެކުވެނީގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ކާމިޔާބު ކަމާއެކު އިންތިޒާމު ކުރެއްވުމުގައި ބައިވެރިވަޑައިގެންނެވި ހުރިހާ ފަރާތްތަކަށާއި، މި މުބާރާތް ބޭއްވުމަށް އެހީތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ދެންނެވިއެވެ. އަދި މިމުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް، އެމަނިކުފާނު ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް، މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި މުބާރާތުގައި، ދުނިޔޭގެ 29 ޤައުމަކުން 129 ބެޑްމިންޓަން ކުޅުންތެރިން ބައިވެރިވެއެވެ. މީގެތެރޭގައި، ބެޑްމިންޓަންގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. މި މުބާރާތުގައި ރާއްޖޭގެ 30 ކުޅުންތެރިންވެސް ބައިވެރިވެއެވެ.

މިއީ، "މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް" ބާއްވާ ދެވަނަފަހަރެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.