بســم اللّـه الرّحمـن الرّحيــم


السّـلام عليـكم

މިއަދަކީ 3 ޖޫން 2011 ވީ ހުކުރު ދުވަސް.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލު މިކޮށްލަނީ، މި ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިވަގުތު ގެންނަންޖެހޭ ވަރަށް މުހިންމު ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ އެކުގައި ބައެއް މަޢްލޫމާތު ޙިއްޞާކޮށްލުމަށްޓަކައި. ގެނެވޭ އެންމެ މުހިންމު އެއްބަދަލަކީ، ޓެކްސްގެ ނިޒާމަށް ނުވަތަ ދައުލަތުގެ އާމްދަނީހޯދާ ގޮތަށް ގެނެވޭ ބަދަލު. އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފަށައިގެން ދައުލަތުގެ އާމްދަނީ ސަރުކާރަށް ހޯދަމުން އައިސްފައި މިވަނީ، އިމްޕޯޓް ޑިއުޓީގެ ޛަރީޢާއިން. އަޅުގަނޑަށްވެސް އެނގޭ، ފަހުންއައިސް އަޅުގަނޑުމެންނަށް ޓުއަރިޒަމްގެ އާމްދަނީ ލިބެން ފެށުމުން، ޓުއަރިޒަމްގެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށްބޮޑުތަނުން އިތުރުވެގެންދިޔަ.

މިވަގުތު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ތަޖްރިބާއަކީ، ދައުލަތުގެ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު ވަރަށްބޮޑުތަނުން ބޮޑުވެގެން ގޮސްފައިވާކަން. ޚާއްޞަ ގޮތެއްގައި، ސުނާމީ ކާރިސާއާ ޖެހިގެން އައި އަހަރުއްސުރެ ދައުލަތުގެ ޚަރަދުތައް ދިޔައީ ބޮޑުވަމުން. ކުރީ ސަރުކާރަކަށްވެސް އަދި މި ސަރުކާރަކަށްވެސް އެޚަރަދުތައް ތިރިކުރެވުނު ތަނެއް ނުފެނުނު. ޚަރަދު ކުރެވުނީ، ސުނާމީއަށްފަހު ދައުލަތުގެ ވަރަށްގިނަ ކަންކަންވެސް ހިންގާން ފެށުމުގެ ސަބަބުން. އަދި ހަމައެހެންމެ، މިކަންކަން ހިންގާން ފެށުމާ އެކުގައި، އެކަންކަމާ ވަރަށްގިނަ ޢަދަދެއްގެ މީހުންވެސް ބައިވެރިވެ، އެމީހުންގެ މުސާރަތަކާވެސް އެކުގައި. ދައުލަތުގެ ޚަރަދު ކުޑަކުރެވެންހުރި މިންވަރަކީ، ވަކިމިންވަރެއްކަން މިހާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ. ސަރުކާރުގެ މުސާރައިގެ މިންވަރު ކުޑަކުރެވޭން އޮތީ، އަޅުގަނޑުމެންނަށް މިވަގުތު ކުޑަކުރެވޭން ހަމަ އޮތް މިންވަރަށް. ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން މެނުވީ، އަޅުގަނޑުމެންގެ ރާއްޖެ މިއެދޭ އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދަން އުނދަގޫވާނެ.

މިއަދު ސަރުކާރުގެ ޚަރަދު ފޫބައްދަމުން މިގެންދަނީ، ވަރަށްބޮޑަށް ކޮމާޝަލް ބޭންކްތަކަށް ޓްރެޜަރީ ބިލް ވިއްކައި، އެ ފައިސާ ބޭނުންކޮށްގެން. ޓްރެޜަރީ ބިލް މެދުވެރިކޮށްގެން، ޑެފިސިޓް ފޫބައްދަމުން ގެންދިޔައީމާ، އަމިއްލަ ވިޔަފާރިތަކަށް ޢާންމު ބޭންކްތަކުން ފައިސާ ދޫކުރުން ވަރަށްބޮޑުތަނުން ދަތިވެ، މަދުވެގެންދަނީ. އެ ޙާލަތުން އަރައިގަނެވިގެން މެނުވީ، ޢާންމު ވިޔަފާރި ތަރައްޤީއެއް ނުވާނެ. ސަރުކާރުން ދެކެނީ ޢާންމު ވިޔަފާރި ތަރައްޤީވެގެން ނޫނީ، ވަޒީފާގެ ފުރްޞަތު ފަހިވެގެންނުދާނެ ކަމަށް. އަދި ހަމައެހެންމެ، ޢާންމު ވިޔަފާރި ތަރައްޤީވެގެން މެނުވީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު، ހޯދަން އުނދަގޫވާނެ. އާމްދަނީ އިތުރުކުރުމަށްޓަކައި ގެންނާންޖެހޭ ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން މިދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން. ހަމައެއާއެކީގައި، ޢާންމު ވިޔަފާރި ހިންގުން ފަސޭހަ ކުރުމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް، ފަހިގޮތުގައި ހަލުވިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ބޭނުންވާ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ސަރުކާރުން މިހާރު މިދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން.

ވިޔަފާރީގެ އަދި އިތުރު އެއް އަސާސަކީ ބިން. އެބިމުގެ މުޢާމަލާތް، ވިޔަފާރީގެ އުޞޫލުން ކުރެވޭނެ ގޮތް އެބަޖެހޭ އަޅުގަނޑުމެން ހޯދަން. ބިމަކީ ގަނެ ވިއްކި އަދި އޭގެ ވިޔަފާރީގެ މުޢާމަލާތް ކުރެވޭ އެއްޗަކަށް ނުވާހާ ހިނދަކު، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއަރައި ދިޔުން އެއީ ދަތިކަމެއްކަން އިންސާނީ ތަޖްރިބާ ވަރަށް ބޮޑަށް މިއޮތީ ދައްކައިދީފައި. މިއަދު މިބަދަލު ނުގެނެވިއްޖެނަމަ، އަޅުގަނޑުމެންގެ ރާއްޖޭގެ ސީދާ މުއްސަނދިކަން އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެން އޮތް ރަނގަޅު ތަނަވަސްކަން އަޅުގަނޑުމެންނަށް ނުލިބޭނެ ކިތަންމެ ގޮތްތަކެއް މެދުވެރިވެދާނެ.

ރަހުނުގެ ފަސޭހަކަމާއި، ބޭންކިންގ ނިޒާމް ފުރިހަމަ ކުރުމާއި އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރީގެ ފުރްޞަތުތައް ފަހިކުރުމަށްޓަކައި ކޮންމެހެން ގެންނާންޖެހޭ ބަދަލުތަކެއްވެސް އެބަހުރި. ރަހުނުގެ ޤާނޫނަށް އެބަދަލުތައް ގެނައުމަށްވެސް ސަރުކާރުން މިދަނީ ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅަމުން.

ސަރުކާރުން ޓެކްސްގެ ނިޒާމަށް އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިގެނެވޭ ބަދަލުތައް މިގެނެވެނީ، ޢާންމު ވިޔަފާރިއަށް އޭގެ ފައިދާ ކުރާނެ ކަމުގެ ވަރަށް ފުރިހަމަ އިތުބާރާ އެކީގައި. ސަރުކާރުން ދެކެނީ ޓެކްސް ނެގުމުގެ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރާނީ ވިޔަފާރިވެރިން ކަމަށް. ސަރުކާރުން ދެކެނީ އަދި ޤަބޫލުކުރަނީ ދައުލަތުގެ މާލިއްޔަތަށާއި އަދި އެންމެހާ ފައިސާއާ ގުޅޭ ކަންކަމަށް ވެގޮސް މިއޮތްގޮތް، އެންމެ ސާފުކޮށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުންނަކަށްވާނީވެސް ވިޔަފާރިވެރިންކަން. އަދި ސަރުކާރުން ދެކެނީ، މިރާއްޖެ އަޅުގަނޑުމެން މިއަދު މިދެކޭ ތަނަވަސްކަން އަޅުގަނޑުމެންނަށް ލިބުމުގައި، އެންމެބޮޑު ދައުރެއް އަދާކޮށްފައިވަނީވެސް ވިޔަފާރިވެރިންކަން. އެބޭފުޅުންގެ ހީވާގި މަސައްކަތުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ކިތަންމެ ތަނަކުން މިވަނީ އުފުލިފައި.

އަޅުގަނޑުމެން މިއަދު އެނބުރޭން މި އެދެނީ، އަދި އެނބުރުމަށް މަސައްކަތްކޮށް، މިޞްރާބު މިކުރަނީ، މިހާރު މިހުރި މިންވަރަށްވުރެ އަދި އެތައް ގުނައަކުން އަޅުގަނޑުމެންގެ ފުއްދުންތެރިކަމާއި، އަޅުގަނޑުމެންގެ ތަނަވަސްކަމާއި މުއްސަނދިކަން އަރައިގެން ދެވެންއޮތް މަގަކަށް. މިމަގަށް ދިޔުމަށްޓަކައި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެކުވެރި ދައުލަތްތަކާއި އަދި ދޭދޭ ފަރާތްތަކާ ނުހަނު ގިނަ މަޝްވަރާތައް ކުރިން. އަމިއްލަ ވިޔަފާރިވެރިންނާއި، ރާއްޖޭގެ ވިޔަފާރި ޖަމާޢަތްތަކާއި، އަދި ސިޔާސީ ޕާޓީތަކާއި އަދި މިނޫންވެސް ސަރުކާރަށް މިކަމުގައި މަޝްވަރާ ކުރެވެންހުރި ހުރިހާ ފަރާތަކާ ވާނީ މަޝްވަރާ ކޮށްފައި.

ސަރުކާރުން މިނެރޭ ޕްލޭން، އަޅުގަނޑުމެންނަށް ނެރެވުނީމާ، މި އާމްދަނީތައް އަޅުގަނޑުމެންނަށް ހޯދުނީމާ، ސަރުކާރުން މިދެކެނީ 2012 ވަނަ އަހަރުގެ މުޅި ޖުމްލަ އާމްދަނީ އެއީ 14 ބިލިއަން ރުފިޔާއަށް އަރާނެ އާމްދަނީއަކަށް ހެދުމަކީ އެކަށީގެންވާ ކަމެއްކަން. އޭރުން ސަރުކާރުގެ ޚަރަދު ފޫބެދި، ސަރުކާރުން ކޮމާޝަލް ބޭންކްތަކަށް ބަރޯސާކުރަންޖެހޭ މިންވަރު ކުޑަވެ، އެ ބޭންކްތަކުގައިވާ ފައިސާ އަމިއްލަ ވިޔަފާރިއަށް ދޫކުރެވި، އަމިއްލަ ވިޔަފާރި ތަރައްޤީވެދާނެކަމީ، މިސަރުކާރު ޝައްކުކުރާ ކަމެއް ނޫން.

ސަރުކާރުން މި ކުރިއަށްގެންދާ މާލީ ނިޒާމަކީ، މިދުނިޔޭގައިވެސް އާ ނިޒާމެއް ނޫން. އަދި މި ރާއްޖޭގައި އަޅުގަނޑުމެން އަލަށް ކުރަންއުޅޭ ކަމެއްވެސް ނޫން. ރާއްޖެފަދަ އާބާދީތައް އެކުލެވޭ އަދި ރާއްޖެފަދަ އިޤްތިޞާދީ ތަރައްޤީ، މި މިންވަރަށް ހޯދާފައިވާ ކިތަންމެ ޤައުމަކުން ވަނީ ނުހަނު ބޮޑެތި ކާމިޔާބީތައް ހޯދާފައި. މިދެންނެވި ގެންނާން މަސައްކަތް ކުރަމުންމިދާ ބަދަލުތަކާ އެކުގައި، އަޅުގަނޑު ދެކެނީ، މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަސްވަރެއް ކަމަށް. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް މިބަދަލު ގެނެވުމުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ކަމަށް. އަޅުގަނޑު ދެކެނީ، މިބަދަލުތަކާ އެކީގައި، ދިވެހިރާއްޖެ ޙަޤީޤީ އިސްކޮޅަށް ހިންދެމިލެވި، ދިވެހި ރައްޔިތުންނަކީ، ފާގަތި، ތަނަވަސް، އުފާފާގަތި ކަމުގައި އުޅޭ ބަޔަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________