ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމަށް ސަރުކާރުން ގެންނަވަމުންދާ އަދި ގެންނެވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ، އެބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ފުއްދުންތެރިކަމާއި، ތަނަވަސްކަމާއި މުއްސަނދިކަން، އެތައް ގުނައަކުން އަރައިގެންދާނެ ބަދަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިވަގުތު ގެންނަންޖެހޭ ބަދަލުތައް ގެނައުމާ ގުޅޭގޮތުން ރާއްޖޭގެ ނޫސްވެރިންނާއި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިސްފަރާތްތަކާއެކު މަޢްލޫމާތު ޙިއްޞާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުން ހުށަހަޅުއްވާ ބަދަލުތައް ފުރިހަމައަށް ތަންފީޒު ކުރެއްވުމުން، 2012 ވަނަ އަހަރުގެ ދައުލަތުގެ އާމްދަނީ 14 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރައްވާކަން ހާމަކުރެއްވިއެވެ. އޭރުން ސަރުކާރުން ކޮމާޝަލް ބޭންކްތަކަށް ބަރޯސާނުވެ، ސަރުކާރުގެ ޚަރަދު ފޫބެދި، އެ ބޭންކްތަކުގައިވާ ފައިސާ އަމިއްލަ ވިޔަފާރިއަށް ދޫކުރެވި، އަމިއްލަ ވިޔަފާރި ތަރައްޤީވެދާނެކަމީ، ސަރުކާރު ޝައްކުކުރާ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދަށް ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާ ބަދަލުތައް ގެންނެވުމުން، ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްޤީ ސަރުކާރަށް ގެނެސްދެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު ދެކެނީ، މިބަދަލުތަކާ އެކީގައި، ދިވެހިރާއްޖެ ޙަޤީޤީ އިސްކޮޅަށް ހިންދެމިލެވި، ދިވެހި ރައްޔިތުންނަކީ، ފާގަތި، ތަނަވަސް، އުފާ ފާގަތި ކަމުގައި އުޅޭ ބަޔަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ ކަމަށް،" އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ސަރުކާރުން، ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސަރުކާރުން ޓެކްސްގެ ނިޒާމަށް އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިގެނެވޭ ބަދަލުތައް މިގެނެވެނީ، ޢާންމު ވިޔަފާރިއަށް، އޭގެ ފައިދާ ކުރާނެ ކަމުގެ ވަރަށް ފުރިހަމަ އިތުބާރާ އެކީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ވިޔަފާރީގެ އިތުރު އެއްގުނަނަކީ ބިންކަން ބަޔާންކުރައްވައި، އެބިމުގެ މުޢާމަލާތް، ވިޔަފާރީގެ އުޞޫލުން ކުރެވޭނެ ގޮތެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ބިމަކީ ގަނެ ވިއްކި އަދި ވިޔަފާރީގެ މުޢާމަލާތް ކުރެވޭ އެއްޗަކަށް ނުވާހާ ހިނދަކު، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއަރައި ދިޔުން އެއީ ދަތިކަމެއްކަން އިންސާނީ ތަޖްރިބާ ވަނީ ވަރަށް ބޮޑަށް ދައްކައިދީފައިކަން ރައީސުމްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވިޔަފާރިއާއި، ތަފާތު ޞިނާޢަތްތަކުގެ އިސްވެރިންނާއި، ވިޔަފާރި ޖަމްޢިއްޔާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރާއްޖެ މިއަދު މިދެކޭ ތަނަވަސްކަން ހޯއްދަވައިދެއްވާފައި މިވަނީ، އަދި އެކަމުގައި އެންމެބޮޑު ދައުރެއް އަދާކޮށްދެއްވާފައިވަނީވެސް ވިޔަފާރިވެރިންކަން ސަރުކާރުން ޤަބޫލު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެބޭފުޅުންގެ މަސައްކަތުން، އެބޭފުޅުންގެ ހީވާގި މަސައްކަތުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ކިތަންމެ ތަނަކުން މިވަނީ އުފުލިފައި." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދަށް ސަރުކާރުން ގެންނަވަމުން ގެންދަވާ އަދި ގެންނެވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެކުވެރި ދައުލަތްތަކާއި، ވިޔަފާރިވެރިންނާއި، ރާއްޖޭގެ ވިޔަފާރި ޖަމާޢަތްތަކާއި، އަދި ސިޔާސީ ޕާޓީތަކާއި، އަދިވެސް ސަރުކާރަށް މިކަމުގައި މަޝްވަރާ ކުރެއްވެންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ގެންނަވާ ބަދަލުތަކެއް ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމަށް ސަރުކާރުން ގެންނަވަމުން ގެންދަވާ ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ.