ރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަކީ، ތިމާވެށްޓާ ރަހްމަތްތެރި ތަކެތި ކަމުގައި ހެއްދެވުމަށް، ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބާރުއެޅުއްވުމުގެ ގޮތުން، ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ކަރަންޓާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވަފައިފިއެވެ. މިގޮތަށް ނިންމެވީ، ރާއްޖެއަށް އެތެރެކުރެވޭ ތިމާވެށްޓާ ރައްޓެހި ބައެއް ބާވަތްތަކުން ނަގާ ޑިއުޓީން ބައެއް ނުވަތަ ޑިއުޓީ އެކީ މާފުކުރުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އަދި ތިމާވެށްޓާ ރައްޓެހި ކަނޑުމަތީ އުޅަނދުފަހަރު އުފެއްދުމަށް ހިތްވަރުދެއްވައި، މަގުފަހިކޮށްދެއްވުމަށްޓަކައި، ކަނޑުމަތީގެ އުޅަނދުފަހަރުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ސޯލާ ޕެނަލްއާއި، ސޯލާ ޕެނަލްއާއެކު ބޭނުކުރާ ބެޓްރީގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށްދެއްވުމަށާއި، ކަނޑުގައި ދުއްވާ ރިޔާނަގާ އުޅަނދުފަހަރުގައި ރިޔާ ނެގުމަށް ބޭނުންކުރާ ތަކެތީން ނަގާ އިމްޕޯޓް ޑިއުޓީ މާފުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

މިކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ބޭނުންކުރާ ގިނަ ވެހިކަލްތަކާއި، ކަނޑުމަތީގެ އުޅަނދުފަހަރަކީ ޑީސަލް ނުވަތަ ޕެޓްރޯލަށް ބަރޯސާވެގެން ބޭނުންކުރެވޭ ވެހިކަލާއި އުޅަނދުފަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ޙާޞިލް ކުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، ތިމާވެށްޓާ ރަށްޓެހި ނުވަތަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލާއި އުޅަނދުފަހަރު އެތެރެކޮށް، ބޭނުންކުރުމަށް ހިތްވަރު ދެއްވުމަށްޓަކައި، ތިމާވެށްޓާ ރައްޓެހި އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ލުއިކޮށްދެއްވުމުގެ މުހިންމުކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

މިތަކެތިން ޑިއުޓީ މާފުކޮށްދެއްވާނީ، ނޭޝަނަލް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅުއްވާ މިންގަނޑުތަކާއި، އުޞޫލުތަކެއްގެ މަތީން ދޫކުރައްވާ ލިޔުމެއްގެ މައްޗަށް ބިނާކުރައްވައި ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވިއެވެ.

މީގެއިތުރުން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ޔޫޓިލިޓީ ކުންފުނިތަކަށް ވިއްކާ ކޮންމެ ކަރަންޓް ޔުނިޓަކަށް 50 ލާރީގެ ސަބްސިޑީއެއް ސަރުކާރުން ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، ރާއްޖޭގައި "ފީޑް އިން ޓެރިފް" ނުވަތަ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ޤާއިމް ކުރެވިފައިވާ ކަރަންޓްގެ ވިޔުގައަށް ކަނޑައެޅޭ ވަކި އަގެއްގައި ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމް ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މިގޮތުން، ރާއްޖޭގައި ޢިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ވިއްކާ ކަރަންޓް ޔުނިޓެއް، ޔޫޓިލިޓީ ކުންފުނިތަކުން ގަންނަ އަގަކީ 3 ރުފިޔާ 50 ލާރި ކަމަށް ކަނޑައަޅުއްވައި، މީގެތެރެއިން 50 ލާރި، ސަބްސިޑީގެ ގޮތުގައި، ސަރުކާރުން ޔޫޓިލިޓީ ކުންފުޏަށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ކަނޑައެޅުއްވީ، ރާއްޖެއިން ކަނޑައަޅާފައިވާ ކާރބަން ނިއުޓްރަލް ލަނޑުދަނޑި ޙާޞިލް ކުރުމަށް މަގުފަހިކުރެއްވުމަށާއި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރެއްވުމަށާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރެއްވުމަށްޓަކައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ވިޔަފާރީގެ އުޞޫލުން އުފެއްދުމަށް އަމިއްލަ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުންނާއި، އެކްސްޕޯޓް އިތުރުކުރައްވައި، އިމްޕޯޓް ސަބްސިޓިޓިއުޓް ކުރެއްވެންހުރި ދާއިރާތަކުން، އުފެއްދުންތައް އިތުރުކުރެއްވުމަށްޓަކައި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ރާއްޖޭގައި ޕޯލްޓްރީގެ އުފެއްދުންތައް ފުޅާކުރެއްވުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މާފުކުރެއްވުމަށް ނިންމެވިއެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުގެ އެހީގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ޑީޓޮކްސް ސެންޓަރަކާއި، ހާފްވޭ ހައުސްއަކާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން، އަނބުރާ މުޖްތަމަޢަށް ގެނައުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެއްވުމަށް، ހުޅުމާލެއިން ފަނަރަހާސް އަކަފޫޓްގެ ބިމެއް ހޯއްދަވައި، އެބިމުގައި އިމާރާތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.