ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމު ދެއްވާ އުސޫލުތަކަށް ބައެއް ބަދަލު ގެންނަވައި، މިއަހަރުގެ ޤައުމީ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވާލައްވައިފިއެވެ. އަދި އިނާމާބެހޭ އިތުރު ތަފްޞީލު، އެ ކޮމިޓީން ހާމަކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މި އިނާމާބެހޭ ތަފްޞީލު މަޢްލޫމާތު ދެއްވީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީއާއި، އެ ކޮމިޓީގެ މެންބަރުންނެވެ.

ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބައްލަވައި، އިނާމަށް އެކިފަރާތްތައް ހޮއްވެވުމުގެ ކަންތައްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގެންދެވުމާ ބެހޭގޮތުން ކޮމިޓީގައި ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި، މިއަހަރު ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނޭ އެއް ބަދަލަކީ، ޝަރަފުގެ ޤައުމީ އިނާމު ދެއްވުމަށާއި، ހިތްވަރު ދިނުމުގެ އިނާމު ދެއްވުމަށް ކުރިން ބައްލަވަމުން ގެންދެވި މުއްދަތަށް ގެންނެވި ބަދަލު ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވިއެވެ.

ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައި މިއަހަރުން ފެށިގެން ބައްލަވާ މުއްދަތަކީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމްލަ 35 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދްމަތުގައި އެކު ޖުމްލަ 35 އަހަރުވުމެވެ. ޝަރަފުގެ އިނާމަށް ކުރިން ބައްލަވަމުން ގެންދެވި މުއްދަތަކީ 25 އަހަރެވެ.

ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައި މިހާރު ބައްލަވާ މުއްދަތަކީ، ވަކި ފަރުދެއްނަމަ، އެދާއިރާއެއްގައި މަދުވެގެން 10 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ. ވަކި ފަރުދެއްނަމަ ކުރިން ބައްލަވަމުން ގެންދެވި މުއްދަތަކީ 5 އަހަރެވެ.

މިފަހަރު ގެންނެވި އެންމެ މުހިންމު އެއްބަދަލަކީ، އިނާމު ދެއްވާ ދާއިރާތަކުގެ ރޮނގުތައް ހާމަކުރެއްވުން ކަމުގައި ޗެއަރމަން މަޙްމޫދު ރާޒީ ވިދާޅުވިއެވެ. މިދިޔަ 2 އަހަރު ހާމަކުރައްވާފައިވަނީ ހަމައެކަނި ދާއިރާތަކެވެ. ރޮނގުތައް ހާމަކުރެއްވުމުގައި، ކަމާބެހޭ ދާއިރާތަކުގެ ލަފައާއި މަޝްވަރާ ހޯއްދެވި ކަމުގައިވެސް މަޙްމޫދު ރާޒީ ވިދާޅުވިއެވެ.

ޤައުމީ އިނާމު، މިދިޔަ 2 އަހަރު ދެއްވަމުން ގެންދެވީ 23 ދާއިރާއަކުންނެވެ. އެހެންނަމަވެސް، އެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބައްލަވައި، މިއަހަރު 5 ދާއިރާއެއް އިތުރުކުރައްވާފައިވާކަން ޗެއަރމަން މަޙްމޫދު ރާޒީ ހާމަކުރެއްވިއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުން ކުރިން ހިމަނުއްވާފައިވަނީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބައްލަވާ ރޮނގެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުން، ވަކި ދާއިރާއެއްގެ ގޮތުގައި މިއަހަރުވަނީ ހިމަނުއްވާފައެވެ. އަލަށް އިތުރުކުރެއްވި އަނެއް 4 ދާއިރާއަކީ، ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ބޯޓް ބިލްޑިންގގެ ދާއިރާއާއި، އެޕްލައިޑް އާޓްސްގެ ދާއިރާއެވެ.

ކުރީ ދެފަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން، ޤައުމީ އިނާމަށް ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވަން ޖެހެނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ހުށަހަޅުއްވާ ފޯމްތައް، ހުށަހެޅުއްވުމުގެ ފުރްޞަތު، އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4.00 އަށް ވަނީ ހުޅުއްވާލައްވާފައެވެ.

ޤައުމީ އިނާމާބެހޭ މަޢްލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ގެންދެވުމަށްވެސް ޤައުމީ އިނާމު ކޮމިޓީންވަނީ ކަނޑައަޅުއްވާފައެވެ.

ޤައުމީ އިނާމާ ބެހޭގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައިފިއެވެ.

”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.