ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް، ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޗެއަރމަން ވޫ ބަންގުއޯ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާ ރައީސް ހޫ ޖިންޓާއޯއަށާއި، ޕްރިމިއަރ ވެން ޖިއަބައޯއަށާއި، ޗައިނާ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަން ވޫ ބަންގުއޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން، ސިޔާސީ އަދި ދުސްތޫރީ އިޞްލާޙީ ބަދަލުތައް ވަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ގެނެވިފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން އިޤްތިޞާދީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންގޮސްފައިވާކަން ޗެއަރމަން ވޫ ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި، ޗެއަރމަން ވޫ ބައްލަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރައްވައި، އިތުރު ހަރުފަތަކަށް ގެންދެވުމަށް ދެ ޤައުމުން ބޭނުންވާކަން ދެބޭފުޅުން ހާމަކުރެއްވިއެވެ. އަދި 2012 ވަނަ އަހަރަކީ، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 40 އަހަރު ފުރޭ އަހަރުކަމަށްވާތީ، ދެ ޤައުމު ގުޅިގެން މި މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައިވެސް މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ބަޔާންކުރައްވަމުން، ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއެކު އޮންނަ އިޤްތިޞާދީ ގުޅުން ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ތަރައްޤީގެ ގުޅުމުގެ މައްޗަށް ކުރެއްވި މަޝްވަރާތަކުގައި، ޗައިނާ ސަރުކާރުން ރާއްޖޭގެ ޤައުމީ ދާރުލްއާޘާރު ބިނާ ކޮށްދެއްވައި، މިދިޔަ އަހަރު ހުޅުވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި 1000 ހައުސިން ޔުނިޓް ބިނާކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 1500 ހައުސިން ޔުނިޓް ބިނާކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި، އެކަމުގެ ތަފްޞީލުތައް ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާ ކުރައްވައިގެން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާއާއި، ޗެއަރމަން ވޫ އެއްބަސްވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ޗައިނާއަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް މާކެޓްކަމާއި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު މިހާރު ފަށާފައިވުމާއެކު އެކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް ބޭއްވުމުގެ ތައްޔާރީތަކަށް، ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެކަން ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަން ހާމަކުރެއްވިއެވެ. އަދި ޗައިނާއިން މި ސަމިޓަށް އޮބްޒަރވަރުންގެ ވަފްދެއް ފޮނުއްވުމަށް ހަމަޖައްސަވާފައިވާކަމުގައިވެސް ޗެއަރމަން ވޫ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގައި ޗައިނާއިން މިހާރު އަދާކުރަމުންދާ މުހިންމު ދައުރަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، މިއަހަރު ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުން، "ކޮޕް 17"، އަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް ކުރެއްވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާ 100 މިލިއަން ޔުއާންގެ ހިލޭ އެހީގެ އެއްބަސްވުން، "އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގައި ސޮއި ކުރެއްވުން އޮތެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ޗެއަރމަން ވޫ ގެ ކުރިފުޅުމަތީގައި، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ނިޔާޒެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކޮމާސް ފޫ ޒީޔިންގއެވެ.
ސްޓޭންޑިން ކޮމިޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޗެއަރމަން ވޫ ބަންގުއޯ، ރާއްޖެއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.