ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ،(އޭ.ޑީ.ބީ.)ގެ ރައީސް ހަރުހިކޯ ކުރޯޑާ، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި، ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޭ.ޑީ.ބީ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޤްތިސާދަށް އެދެވޭ ހެޔޮބަދަލުތަކެއް ގެނައުމަށްޓަކައި އޭ.ޑީ.ބީ.ގެ މަޝްވަރާ އާއި ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރެއްވުމަށް، ސަރުކާރުން ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ބަދަލުތަކާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އޭ.ޑީ.ބީ.ގެ ރައީސާ ޙިއްޞާ ކުރެއްވިއެވެ.

މީގެއިތުރުން، އޭ.ޑީ.ބީ.އިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށާއި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އޭ.ޑީ.ބީ.ގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ޢިއާދަ ކުރެވޭ ވަސީލަތްތައް ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ހިންގެވުމަށާއި، މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، އެކުއަކަލްޗަރއާއި ފިޝް ފާމިން ފަދަ ޞިނާޢަތްތައް ތަރައްޤީ ކުރެއްވުމަށް، އޭ.ޑީ.ބީ.އިން މާލީ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އޭ.ޑީ.ބީ.ގެ ރައީސާ ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އޭ.ޑީ.ބީ.ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި، ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވިއެވެ. މިގޮތުން ގެންނެވި ބަދަލާ ގުޅިގެން، ރާއްޖޭގެ އިޤްތިސާދު ބިނާވެފައިވާ ދާއިރާތައް ފުޅާކުރުމުގެ މުހިންމުކަން އޭ.ޑީ.ބީ.ގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އަލަށް ފަށާފައިވާ ރިނިއުއަބަލް އެނަރޖީގެ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރައްވަންޖެހޭ ކަމަށް ދެކެވަދައިގަންނަވަ ކަމުގައިވެސް އޭ.ޑީ.ބީ ގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ހަރުދަނާ އިޤްތިޞާދަކަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިގު މުއްދަތަކަށް އިޤްތިޞާދީ އޮނިގަނޑު ބައްޓަންކުރުމުގެ މުހިންމުކަމާބެހޭގޮތުންވެސް އޭ.ޑީ.ބީ.ގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖެ، އޭ.ޑީ.ބީ.ގެ މެންބަރަކަށް ވެފައިވަނީ 1978 ވަނަ އަހަރުއެވެ. ރާއްޖެއިން އޭ.ޑީ.ބީ.ގެ މެންބަރަކަށް ވީފަހުން، ތަފާތު އެކާވީސް ލޯނުގެ ގޮތުގައި ޖުމްލަ 152.81 މިލިއަން ޑޮލަރާއި، ތަފާތު 57 ފަންނީ އެހީގެ ޕްރޮގްރާމެއްގެ ދަށުން ޖުމްލަ 22.53 މިލިއަން ޑޮލަރު އޭ.ޑީ.ބީ.އިން ރާއްޖެއަށް ދެއްވާފައިވެއެވެ.

އޭ.ޑީ.ބީ.ގެ ރައީސް ހަރުހިކޯ ކުރޯޑާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުގެ ފަރިއްކޮޅެއް ދެއްވިއެވެ. މި ފަރިއްކޮޅު އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައެވެ.