ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް ޔޫ.އެން.ޑީ.ޕީ.އިން ހިންގަވާ "އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް"އަށް، ޖަރުމަނު ސަރުކާރުން ދެއްވާ 6 މިލިއަން ރުފިޔާ (330،579 ޔޫރޯ)ގެ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ސޮއި ކުރެއްވީ ޔޫ.އެން.ޑީ.ޕީ.ގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޒިންދު ޞާލިޙެވެ. ޖަރުމަނުވިލާތުގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާންސް ޕްލޯޓްނާއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ގެނެވިފައިވާ ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުގެ މައިގަނޑު އެއް އަސާސަކީ ޢަދުލު އިންޞާފާއި، އިންޞާފު ހޯދުންކަން ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށް ގޮވާލެވުނު ގޮވާލުންތައް ބިނާވެފައި އޮތީ އިންޞާފު ހޯދުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ހަރުދަނާ ކުރެއްވުންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ޤާނޫނުއަސާސީގެ އޮނިގަނޑުގެ ތެރެއިން، ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް، ޖަރުމަނު ސަރުކާރުން މި ދެއްވި އެހީއަކީ، އާ ހިތްވަރަކާއެކު ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމުގެ އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ މި ދަނޑިވަޅުގައި ވަރަށް މުހިންމު އެހީއެއްކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ފޯރުއްވައިދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ދިވެހި ސަރުކާރާއެކު ބަހައްޓަވަމުންގެންދަވާ ގާތް ގުޅުމަށްޓަކައި، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާރކެލް އަށާއި، ޖަރުމަނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިއަދު ސޮއި ކުރެއްވި އެހީގެ އެއްބަސްވުމަކީ، ރާއްޖެއާއި ޖަރުމަނާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އާ ޞަފްޙާއެއްގެ ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޒަމާނީ ތަހުޒީބު އިޤްތިޞާދެއް ބިނާކުރެއްވުމަށް ހުށަހަޅުއްވަމުން ގެންދަވާ އިޤްތިޞާދީ ބަދަލުތަކަކީވެސް، ރާއްޖޭގައި ޤާއިމް ކުރެވިފައިވާ ޑިމޮކްރެޓިކް ވެށީގެ ސަބަބުން ގެންނެވޭ ބަދަލުތަކެއްކަން ބަޔާން ކުރައްވިއެވެ. އަދި އިޤްތިޞާދަށް ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ބަދަލުތަކަކީ، ރާއްޖެއަށް ގެނެވުނު ޑިމޮކްރެޓިކް ބަދަލަށްވުރެ މާ ބޮޑެތި ބަދަލުތަކެއްކަން ފާހަގަކުރައްވައި، މި ބަދަލުތައް ގެންނެވުމުގައި ސަރުކާރުން ކުރިއަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

ޖަރުމަނު ސަރުކާރުގެ އެހީގައި ޔޫ.އެން.ޑީ.ޕީ.އިން ހިންގެވުމަށް ހަމަޖެހިފައިވާ އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި، "ސްޓްރެންތެނިންގ ޑިމޮކްރަސީ ތްރޫ އެކްސެސް ޓު ޖަސްޓިސް"، ހިންގެވުމަށް ހަމަޖެހިފައިވަނީ، ޝަރުޢީ ދާއިރާގެ މުއައްސަސާތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގުޅިގެންނެވެ.

އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓްގެ މަޤްޞަދަކީ، ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ހަރުދަނާކޮށް، މިނިވަން ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ ޔަޤީންކަން އިތުރުކުރުމާއި، އިންޞާފު ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރުމެވެ. މިގޮތުން، މި ޕްރޮޖެކްޓްގެ ދަށުން ޤާނޫނީ ޙައްޤުތަކާބެހޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތައް މިހާތަނަށް ހިންގާފައިވެއެވެ.