بســم اللّـه الرّحمـن الرّحيــم

الحمد لله ربّ العَـالمين. والصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.

މޯލްޑިވްސް ޕޮލި ޓެކްނިކް ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، އަދި ޕޮލި ޓެކްނިކްގެ ވެރިންނާއި ސްޓާފުން.

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! މޯލްޑިވްސް ޕޮލި ޓެކްނިކްގެ މަސައްކަތްތައް ރޭއްވެވުމަށްޓަކައި ބާއްވަވާ ފުރަތަމަ ޚާއްޞަ ރިޓްރީޓްގެ ޖަލްސާގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ އަހަރުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުމަކުން މޯލްޑިވްސް ޕޮލި ޓެކްނިކް އުފައްދަވާފައިމިވަނީ ވަރަށްވެސް މުހިންމު ސަބަބުތަކެއް ހުރެގެން.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ތަފާތު ރޮނގުރޮނގުން ބޭނުންވާ ހުނަރުތައް އުފެއްދުމަށްޓަކައި ވަރަށްބޮޑު މަސްއޫލިއްޔަތެއް ޙަވާލުކުރައްވާފައި، މި ޕޮލި ޓެކްނިކް އުފައްދާފައި މިވަނީ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ، މަސައްކަތްކުރާ ޢުމުރުފުރާތަކުގެ މީހުން، އަޅުގަނޑަށް މަޢްލޫމާތު ލިބޭ ގޮތުގައި، މިސާލަކަށް ދަންނަވަނީނަމަ، ޢުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެވެސް ގާތްގަނޑަކަށް ތިރީސް އަށްހާސް ކުދިން އެބަތިބި. މީގެތެރޭގައި މިހާރު ވަޒީފާގައި މިއުޅެނީ ގާތްގަނޑަކަށް ދިހަވަރަކަށްހާސް ކުދިން. ދެންތިބި ކުދިންނަކީ، އަށާވީހަކަށްހާސް ކުދިންނަކީ އެއީ ކިޔެވުމުގެ ރޮނގުން މަސައްކަތް ކުރަމުންގެންދާ ބައެއް ކުދިންނާއި، އެއްވެސް ކަމެއް ނުކޮށް، އެއްވެސް ވަޒީފާއެއްގައި ނެތި ތިބި ކުދިން. އެހެންވީމާ، އެހާގިނަ ޢަދަދެއްގެ ކުދިންތަކެއް މަސައްކަތެއްނެތި ތިބުމަކީ އެއީ ޤައުމީ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ހީނަރުކަމެއް. އަދި ހަމައެހެން، ޤައުމު ތަރައްޤީވަމުންދާ ދިޔުމުގައި، އާބާދީ އިތުރުވަމުން ދިޔުމާއި އަދި ހަމައެހެން، މައި ރަށަށް އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި މާލެސިޓީ މާލެ، މާލޭގެ ވަށައިގެންވާ ރަށްތަކަށް ރައްޔިތުންގެ ގިނަބަޔަކު ޖަމާވަމުންދިޔުމާއި، މިކަންކަމުގެ ސަބަބުން ދިމާވާ ޚާއްޞަ މައްސަލަތަކެއް މިހާރު މިވަނީ އުފެދިފައި. އޭގެ ސަބަބުން ޒުވާނުންނާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތްވެސް މިދަނީ ބަދަލުވަމުން.

ޒުވާނުންނަކީ މުޖްތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި، ޒުވާނުންނަކީ މުޖްތަމަޢަށް ގެއްލުންހުރި ބައެއްގެ ގޮތުގައި މިހާރު އެބަ ތަޞައްވުރު ކުރެވެމުންދޭ. މިއީ، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. ޒުވާނުންނަކީ، ޙަޤީޤަތުގައި މިޤައުމުގެ އެންމެބޮޑު ރައުސްމާލު. އެންމެބޮޑު މުއްސަނދިކަން. އެހެންވީމާ، މިބަދަލު، ނޭދެވޭ ގޮތަކަށް އަޔަނުދީ، އަޅުގަނޑުމެންގެ ޒުވާނުންނަކީ، އަޅުގަނޑުމެންނަކީ ޙަޤީޤީ މުއްސަނދިން ކަމުގައި ހެދޭތޯ މަސައްކަތް ކުރުމުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް މިއަދު މިއެޅެނީ، ތަޢްލީމާއި ތަމްރީނުދޭ ފަރާތްތަކުގެ ބޮލުގައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު އޯ ލެވެލް ނިންމާފައި، ގްރޭޑް 10 ން އެބަ ނުކުމޭ، އަހަރަކު ހަތްހާސް ކުދިން. އޭގެތެރެއިން ހަޔަރ ސެކަންޑްރީއަށް މިދަނީ، ގާތްގަނޑަކަށް އަށާރަސަތޭކައެއްހާ ކުދިން. ދެން ބާކީތިބި ކުދިންނަކީ، އެއްވެސް ހަޔަރ އެޑިޔުކޭޝަނަކަށް ނުގޮސްތިބި ކުދިން. ނޫނީވިއްޔާ، އޭގެތެރެއިން މަދު ބަޔަކު މިހާރު ޓެކްނިކަލް އެޑިޔުކޭޝަނަށް މިދަނީ. 2008 ވަނަ އަހަރާ އަޅާބަލާއިރުގައި، ޓެކްނިކަލް އެޑިޔުކޭޝަންގެ ކޯސްތަކުގައި ރަޖިސްޓްރީވެފައި ތިބީ ގާތްގަނޑަކަށް ފައްސަތޭކައެއްހާ ކުދިން. އެހެންވީމާ، މި ހިސާބުތަކަށް ބައްލަވައިލެއްވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިކަމަކީ ވަރަށް ސީރިއަސް މައްސަލައެއްކަން.

މިކަމުގެ ސީރިއަސްކަން ވިސްނިވަޑައިގަންނަވައިގެން، ރައީސުލްޖުމްހޫރިއްޔާ ޕޮލި ޓެކްނިކެއް އުފެއްދެވުމަށް ޤަޞްދު ކުރައްވައި، މިދިޔަ އަހަރުގެ ތެރޭގައި އެކަން ވަޒީރުންގެ މަޖިލީހަށް ގެންނެވީ. އޭރު އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ޕޮލި ޓެކްނިކުން މިދޭ ގިނަ ކޯސްތައް ހިނގަމުންދަނީ ކޮލެޖްގެ ދަށުން ފެކަލްޓީ އޮފް އިންޖިނިއަރިންގއިން. ނަމަވެސް، ކޮލެޖަށް ވަނުމަށްޓަކައި އޮންނަ އެންޓްރަންސް ކްރައިޓީރިއާއަކީ ވަރަށްގިނަ ކުދިންނަށް، އެ ކްރައިޓީރިއާ ފުރިހަމަނުކުރެވޭ ކުދިން. އެހެންވީމާ، ގިނަ ކުދިންތަކަކަށް ކޮލެޖަށް ނުވަދެވި، އެންޖިނިއަރިންގ ފެކަލްޓީއަށް ނުވަދެވިފައި މިތިބެނީ. އެކަން ޙައްލު ކުރެއްވުމުގެ ގޮތުން، ޕޮލި ޓެކްނިކް އުފެއްދެވީ. އަދި މިހާތަނަށް އިންޖިނިއަރިންގ ސްކޫލްގައި ހިނގަމުންދިޔަ، ޔުނިވަރސިޓީއަކުން ކޮންމެހެން ދޭންނުޖެހޭ ކޯސްތައް ވަކިކުރައްވައި، ޕޮލި ޓެކްނިކާ ޙަވާލުކުރެއްވީ. އަދި ޕޮލި ޓެކްނިކަށް ވަންނަ އެންޓްރަންސް ރިކްއަރމަންޓަކީ އެއީ، ޔުނިވަރސިޓީއަށް ބޭނުންވާވަރުގެ އެންޓްރަންސް ކޮލިފިކޭޝަނަކަށް ނުހަދައި، ގިނަ ޢަދަދެއްގެ ކުދިންނަށް ޕޮލި ޓެކްނިކްގައި ކޯސްތަކުގައި ބައިވެރިވެގެން ކިޔެވުމާއިގެން ދެވޭނެ ގޮތެއް ހެއްދެވުމުގެ މަޤްޞަދުގައި، މިބަދަލު މިގެންނެވީ. ވީހާވެސް ގިނަ ޢަދަދެއްގެ ކުދިންތަކަކަށް ޓެކްނިކަލް ކޯސްތަކުގައި ބައިވެރިވެ، މަސައްކަތް ދަސްކުރުމުގެ ފުރްޞަތު ހޯއްދަވައި ދެއްވުމަށްޓަކައި.

އެހެންވީމާ، މިހާރު އަޅުގަނޑު ވަރަށް އުފާކުރަން. މިހާރު ޕޮލި ޓެކްނިކްގެ ކައުންސިލްގެ ފަރާތުން ޤަޞްދު ކުރައްވާފައި މިއޮތީ، ޕޮލި ޓެކްނިކްގައި ކިޔަވާ ކުދިންގެ ޢަދަދު ޖާގަ، ވަރަށްބޮޑުތަން އިތުރުކުރެއްވުމަށް. މީގެކުރިން ގާތްގަނޑަކަށް ފައްސަތޭކައެއްހާ ކުދިން ކިޔެވިނަމަވެސް، މިއަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އެގެންދަވަނީ، ދެހާސް ދުއިސައްތައެއްހާ ކުދިންގެ ޖާގަ، ޕޮލި ޓެކްނިކްގައި އުފެއްދެވުމަށްޓަކައި. މިއީ އަޅުގަނޑުމެން ދެކޭހިތްވާ މުސްތަޤްބަލަކީ. ޙަޤީޤަތުގައި މިބާވަތުގެ ޓްރޭނިންގ މިހާރު ފައްސަތޭކައެއްހާ ކުދިންނަށް ދެވުނަސް، ފަސްހާހެއްހާ ކުދިންނަށް އެ ޓްރޭނިންގ އެބަ ބޭނުންވޭ. އެހެންވީމާ، ދެހާސް ދުއިސައްތައަށް ޖާގަ އިތުރުކުރެއްވުމަކީ، އެއީ އަޅުގަނޑުމެންނަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އެކަމަށްޓަކައި އަޅުގަނޑު، ޕޮލި ޓެކްނިކްގެ ހުރިހާ ބޭފުޅުންނަށް، ކައުންސިލް މެންބަރުންނަށާއި، ސްޓާފް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އަޅުގަނޑުމެން އެމީހުންނަށް ޝުކުރުވެރިވަން.

އާދެ! ރާއްޖޭގެ އާބާދީއަށް ބަލައިލާއިރުގައި، އާބާދީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. ރާއްޖޭގެ ފަރޓިލިޓީ ރޭޓް ދަށަށްދަނީ. މިހާރު އާބާދީގެ ޕިރަމިޑަށް ބަލާއިރުގައި އެންމެ ފުޅާކޮށް މިއުޅެނީ ޒުވާނުންގެ ޢުމުރުފުރާ. މި ޒުވާނުންގެ ޢުމުރުފުރާ، އާބާދީގެ އެހެން ޢުމުރުފުރާތަކުގެ ނިސްބަތުން ބޮޑުވެގެން ދިޔުމަކީ އެއީ، ތަޢްލީމާއި ތަމްރީނަށްޓަކައި ވަރަށްބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހޭ ކަމެއް. ތަރައްޤީވެފައިވާ އެހެން ޤައުމުތަކާ އަޅުގަނޑުމެން ބަލާއިރުގައި، މިސާލަކަށް ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގައި ތަރައްޤީ އެހާ ބޮޑަށް ކުރިއަރައިގެންދާން ދިމާވި އެއްކަމަކީ، ޒުވާނުންގެ ޢުމުރުފުރާ ބޮޑުވެފައި، އެ ޢުމުރަށް އަހަންމިއްޔަތުކަންދީ، ތަޢްލީމާއި ތަމްރީނަށް ވަރަށްބޮޑު ހޭދަތަކެއް، ވަރަށްބޮޑު އިންވެސްޓްމަންޓެއް ކުރެވުނުކަން.

މިއަދު ރާއްޖެއަށް މިއޮތީ އެފައްތަރަށް އާދެވިފައި. މިހާރު މިދެންނެވި ޢުމުރުފުރާގައި ތިބި ގާތްގަނޑަކަށް ސާޅީހަކަށްހާސް މީހުންނަށް އަޅުގަނޑުމެން ސަމާލުކަންދީގެން، އެ ދޭންޖެހޭ ތަޢްލީމާއި ތަރުބިއްޔަތާއި ތަމްރީން ދެވިއްޖިއްޔާ، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖެ ވަރަށްބޮޑުތަން ކުރިއަރައިގެންދާނެ އިޤްތިޞާދީ ގޮތުން. މިފުރްޞަތުގެ ބޭނުން އަޅުގަނޑުމެން މިއަދު ހިފަން އެބަޖެހޭ. މިފުރްޞަތުގެ ބޭނުން ހިފޭނީ، ފުދޭވަރެއްގެ ބޮޑު އިންވެސްޓްމަންޓެއް ތަޢްލީމާއި ތަރުބިއްޔަތަށް ތަމްރީނަށް ކުރެވިގެން.

މިދެންނެވި ވިންޑޯ، ފުރްޞަތު މާގިނަ ދުވަހަކު ނޯންނާނެ. ތަޢްލީމާއި ތަރުބިއްޔަތަކީ އެއީ، އޭގެ އެންމެ ފުރިހަމަ ގޮތުގައި އެންމެ ރަނގަޅަށް ވަކިޢުމުރެއްގައި ދެވޭ އެއްޗެއް. އެހެންވީމާ، އެ ޢުމުރުފުރާގައި އެކަން ރަނގަޅަށް ނުކުރެވިއްޖިއްޔާ، ދެން ފަހުން އެކަންކުރަން މާބޮޑަށް އުނދަގޫވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އާބާދީއަށް މިހާރު މިއަންނަ ބަދަލު ރަނގަޅަށް ދެނެގަނެގެން، ތަޢްލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މިކަމަށް އެބަޖެހޭ ޚާއްޞަ ސަމާލުކަމެއްދޭން. އަދި ހަމައެހެން، ދައުލަތުގެ ބަޖެޓްގައި، ތަޢްލީމާއި ތަމްރީނަށް ވަރަށްބޮޑު ހޭދައެއް، މިހާރަށްވުރެވެސް ބޮޑަށް ކުރަންޖެހޭ ކަމަށް އަޅުގަނޑަށް ދޭހަވަނީ.

އާދެ! ޒުވާނުންނަށް މިއަދު ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ޙައްލު ކުރުމުގައިވެސް، އަޅުގަނޑު ދެކޭގޮތުގައި، އެންމެބޮޑު މަސައްކަތަކަށްވާންވީ، ތަޢްލީމާއި ތަރުބިއްޔަތާއި ތަމްރީނަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ޢުމުރުން 16 އަހަރުގައި ސްކޫލް ނިންމާފައި، ގްރޭޑް 10 ނިންމާފައި މި ނުކުންނަ ކުދިން، ހަތްހާހެއްހާ ކުދިން، އޭގެތެރެއިން ގިނަ ބަޔަކު ކަމެއް ނެތިފައި ތިބެން ޖެހުމަކީ އެއީ، އިޖްތިމާޢީ ގޮތުން ޤައުމަށް ވަރަށްބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމެއް. އެހެންވީމާ، އެކަމަށްޓަކައި މިއަދު އަޅުގަނޑުމެން ދައްކަންވީކީ ގިނަ ޖަލުތަކެއް އަޅާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދައްކަންވީ، މިބާވަތުގެ ގިނަ ތަމްރީނުދޭ ތަންތަން އަޅާ ވާހަކަ. އަޅުގަނޑުމެންނަށް ތަމްރީނުދޭ، ތަޢްލީމުދޭ ތަންތަން، މިދެންނެވި އާބާދީއާ ނިސްބަތުން ނެހެދިއްޖެ ކަމަށްވާނަމަ، ދެން ޖެހޭނީ ޖަލުއަޅަން. މިއީ، ވަރަށް ބޮޑަށް އަޅުގަނޑުމެން މިއަދު ވިސްނަން ޖެހިފައިވާ ކަމެއް.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މާލެއާއި އަދި އަތޮޅުތަކުގެ ތެރޭގައިވެސް މާރާމާރީގެ ކަންތައް ގިނަވުމަށް ދިމާވާ އެންމެބޮޑު އެއްސަބަބަކީވެސް ޒުވާނުން، ކުރާނެ ކަމެއްނެތި، ކުރާނެ މަސައްކަތެއްނެތި ބާކީވެފައި ތިބެންޖެހުން. ގޭންގް އުފެދެނީވެސް މިދެންނެވި ސަބަބުތަކާހުރެ. އެހެންވީމާ، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެބަހުރި. އެއަކީ އެންމެން ހިފާ ހައްޔަރު ކުރުމެއް ނޫން. ހުރިހާ ޒުވާނުން ގެންގޮސް ޖަލަށްލުމެއް ނޫން. މީގެ ޙަޤީޤީ ޙައްލަކީ، ތަޢްލީމާއި ތަމްރީނުދޭ ބިންގާތައް ވަރުގަދަކޮށް، އެފުރްޞަތުތައް ގިނަ ބަޔަކަށްދީ، ގިނަ ޒުވާނުންތަކެއް ރަން ބޭނުންހިފޭފަދަ ހުނަރުތަކާއި މަސައްކަތްތެރިކަން ދަސްކޮށްދީގެން، އެމީހުންނަށް މަސައްކަތް ލިބޭނެގޮތްތައް ހަމަޖެހުން.

އަޅުގަނޑުމެންގެ އާބާދީއަކީ ކުޑަކުޑަ އާބާދީއަކަށްވުމާ އެކުގައި، މިއީ އަޅުގަނޑުމެންގެ އޮތް އެންމެބޮޑު މުއްސަނދިކަމަކީ. އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަމަކީ، އަޅުގަނޑުމެންގެ ފަޅު ރަށްތައް ކަމަށް ނުވަތަ އެރަށްތައް ވިއްކައިގެން، ޓޫރިސްޓުން ގެނެސްގެން ލިބޭ އާމްދަނީއެއް ކަމަށް ހަމައެކަނި ދެކިގެން ޤައުމު ކުރިއެރުވެން ނެތްކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިއޮތީ ފެންނަން. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ. ޤައުމުގައި އެކިބާވަތްބާވަތުގެ ގޭންގްތައް ހެދި، ޒުވާނުންގެ ޙަޔާތްތައް ގެއްލިގެން އަޅުގަނޑުމެންނަށް މިދަނީ. އެއީ މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ޙަޤީޤީ ރައުސްމާލަކީ އަޅުގަނޑުމެންގެ ރައްޔިތުންކަން އަޅުގަނޑުމެން ޤަބޫލުކުރަންވީ ވަރަށް ޤަބޫލުކޮށް، އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން އަޅުގަނޑުމެން ނުދިނުމުގެ ސަބަބުން މިހެންމިވީ.

އާދެ! މިދެންނެވި ބޮޑެތި މައްސަލަތައް ޙައްލު ކުރުމުގައި، ކޮންމެވެސް ބައެއް އަދާކުރުމުގެ ބޮޑު ބުރަ އަދި މުހިންމު މަސްއޫލިއްޔަތު، މި ޕޮލި ޓެކްނިކްގައި އެޅިފައި މިއޮތީ. އެހެންވީމާ، ތިޔަބޭފުޅުންގެ މަސައްކަތަކީ، އަޅުގަނޑު ދަންނަވާނީ، މިއަދު ޤައުމުގެ ތަރައްޤީއަށްޓަކައި، ޤައުމުގެ ޞުލްޙައަށްޓަކައި ކޮންމެހެން ބޭނުން މަސައްކަތެކޭ. އެހެންވީމާ، ތިޔަބޭފުޅުން ތިރާއްވަވާ ރޭއްވެވުންތަކުގެ ސަބަބުން، ގިނަ ޢަދަދެއްގެ ޒުވާނުންނަށް ފުރްޞަތު ލިބިގެން، އެކުދިންނަކީ އެއީ، މުޖްތަމަޢަށް ބޭނުންތެރި، އެކުދިންގެ ޢާއިލާތަކަށާއި، އެކުދިންގެ ރަށްތަކަށް ބޭނުންހިފޭ، އުފެއްދުންތެރި ޒުވާނުންތަކަކަށް ހެދޭތޯ ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވުން އެއީ، މުޅި ޤައުމު، ތިޔަބޭފުޅުންގެ ފަރާތްޕުޅުން އެދެމުންދާ ކަމެއް. އެހެންވީމާ، މިކަން ހަނދުމަފުޅު ކުރައްވައިގެން، ތިޔަބޭފުޅުން މިއަދު އެކިއެކި މަޝްވަރާތަކުގައި، ރޭވުންތަކުގައިވެސް އެކަން ވިސްނާވަޑައިގަތުން އެއީ، ވަރަށް މުހިންމު ކަމެއް.

ހަމަ އެހެން ތަޢްލީމީ މުއައްސަސާތައް ފަދައިން، ޕޮލި ޓެކްނިކަކީވެސް ތަޢްލީމްދޭ ތަނެއް. ތަޢްލީމް ދިނުމަކީ ހަމައެކަނި ފޮތުން އެއްޗެއް ދަސްކުރުމެއް ނޫން ނުވަތަ މަސައްކަތެއް ދަސްކޮށްލުމެއް ނޫން. ރަނގަޅު ތަރުބިއްޔަތެއް ލިބިގެން، އެކުރާ މަސައްކަތުގެ ބޭނުން ހިފޭނެ ގޮތަކަށް، އެކަމުގެ އެޓިޓިއުޑާއި، އެކަމުގެ ޑިސިޕްލިނާއި، މިހުރިހާ ކަމެއް ހުރެގެން ނުކުންނަ ޒުވާނަކަށް އެބަވާންޖެހޭ. އެހެންވީމާ، ޕޮލި ޓެކްނިކްގެ ކަރިކިއުލަމާއި މުޤައްރަރާއި ޕްރޮގްރާމްތައް ރާއްވަވާއިރުގައި އެބަޖެހޭ ވިސްނާވަޑައިގަންނަވަން، މިތަނުން ނުކުންނަ ކުދިންނަކީ ހަރުދަނާ ބަޔަކަށް ހެއްދެވުމަށް. މަސައްކަތްތެރި، ތަޢްލީމީ، ހަރުދަނާ ޒުވާނުންތަކަކަށް ހެއްދެވުމަށް. އެކަން ކުރެވޭނީ، ހަމައެކަނި މަސައްކަތެއް ދަސްކޮށްދީގެނެއް ނޫން. އޭގެއިތުރުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، އެކަންކަމަށްވެސް ތިޔަބޭފުޅުން އަހަންމިއްޔަތުކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އަޅުގަނޑު ތިޔަބޭފުޅުންގެ މި ރިޓްރީޓަށް ކާމިޔާބު އެދެން. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ޕޮލި ޓެކްނިކަށް ވެދެއްވެންހުރި ހުރިހާ އެހީތަކެއް ﷲ އިރާދަކުރެއްވިއްޔާ ވެދޭނަން. މިކަމުގައި ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތުގައި، ފަހަތުގައި އަޅުގަނޑުމެން އެބަތިބީމު. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، މިއީ މި ސަރުކާރުގެ ފަރާތުން ފަށްޓަވާ ވަރަށް މުހިންމު މަސައްކަތެއް. އެހެންވީމާ، އެކަން ދެނެވަޑައިގަންނަވައިގެން، އެ ރޫޙުގައި، އެ ބާރުމިނުގައި މިކަން ކުރިއަށް ގެންގޮސްދެއްވުން، އަޅުގަނޑު ތިޔަބޭފުޅުންގެ ފަރާތްޕުޅުން އެދެން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ފުރިހަމަ ކާމިޔާބު ދެއްވާނެ.

والســّلام عليــكم

_____________________