بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى محـمّد وعلى آلـه وصحـبه أجمعـين.

ކްލީކް ކޮލެޖްގެ ޕްރެޒިޑެންޓް އަލްފާޟިލް ނައުޝާދު މުޙަންމަދު، ކޮލެޖްގެ ޢިއްޒަތްތެރި ވެރިން، ހީވާގި ލެކްޗަރަރއިން އަދި ކޮލެޖްގެ ދަރިވަރުންގެ އެންމެހާ ބެލެނިވެރިން، ކޮލެޖްގެ ކިޔަވާ ކުދިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم

އާދެ! އަޅުގަނޑުގެވެސް ފުރަތަމަ ވާޖިބަކީ މިރޭ, މިކާމިޔާބު ހޯއްދެވި ހުރިހާ ބޭފުޅުން, އެކިއެކި ކޯސްތަކުން ފާސްވެވަޑައިގަންނަވައިގެން ސެޓްފިކެޓާ، ޑިޕްލޮމާއާއި، އެޑްވާންސް ޑިޕްލޮމާ ހޯއްދެވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން މަރްޙަބާއާއި މުބާރަކްބާދު ދެންނެވުން. އަދި ހަމައެހެންމެ ބައިނަލްއަޤްވާމީ ގޮތުން އެކިއެކި ފާސްތަކާއި ވަނަތައް ހޯއްދެވި އެންމެހާ ބޭފުޅުންނަށާއި ކޮލެޖްގެ ލެކްޗަރަރއިންގެ ތެރެއިން ޚާއްޞަ ހަނދާނީ ފިލައާއި އިނާމު ލިބިވަޑައގެންނެވި ބޭފުޅުންނަށްވެސް އަޅުގަނޑު މަރްޙަބާ ދަންނަވަން.

އާދެ! ކޮލެޖްތަކުން ކުޅެމުންދާ ރޯލަކީ، ދިވެހިރާއްޖޭގެ މަތީ ތަޢްލީމުގެ ނިޒާމުގައި ވަރަށްވެސް މުހިންމު ރޯލެއް. ދިވެހިރާއްޖޭގެ އެކިއެކި ސްކޫލްތަކުން ނިމިގެން ނުކުންނަ ހުރިހާ ކުދިންނަށް މަތީތަޢްލީމު ދެވޭނެ ފުރުސަތުތަކެއް އަދި މުޅިއަކުން ހަމަޖެހިފައެއް ނެތް. ނުކުންނަ ހުރިހާ ކުދިންނަކަށް ޔުނިވަރސިޓީއަކަށް އަދި ކޮލެޖަކަށް ދެވޭނެ ޖާގައެއް އަދި ނެތް. އެހެންނަމަވެސް، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ކޮލެޖްތައް އުފައްދަވާ އެކޮލެޖްތަކުގައި ކިޔަވައިދެމުން ގެންދަވާކަން އެއީ، އަޅުގަނޑު ދަންނަވާނީ މިޤައުމުގެ ތަޢްލީމަށްޓަކައި އެބޭފުޅުން ކުރައްވަމުން ގެންދަވާ ވަރަށްވެސް ބޮޑު ޚިދްމަތެއް. އަޅުގަނޑުމެންގެ އުންމީދަކީ، މުސްތަޤްބަލުގައި ސްކޫލްތަކުން ނިމިގެން ނުކުންނަ ހުރިހާ ކުދިންނަށްވެސް މަތީތަޢްލީމު ހާސިލު ކުރުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް.

އާދެ! އަޅުގަނޑަށް ލަފާކުރެވުނު ގޮތުގައި މިރޭ ކޯސްތައް ފުރިހަމަ ކުރައްވައި ސެޓްފިކެޓްތަކާއި ޑިޕްލޮމާތައް ހޯއްދެވި ގިނަ ބޭފުޅުންނަކީ މިހާރުވެސް އެކިއެކި ވަޒީފާތަކުގައި އުޅުއްވަމުން ގެންދަވާ ބޭފުޅުން. އާދެ! ވަޒީފާގެ ކުރިއެރުން ހޯއްދެވުމަށްޓަކައި އަދި ނަފްސީގޮތުން ޢިލްމުވެރިކަން އިތުރުކުރުމަށްޓަކައި، މީހާ ކުރިއަށް ދިޔުމަށްޓަކައި ތަޢްލީމު ހޯދުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. ތަޢްލީމު ހޯދުމަކަށް ވަކި އުމުރެއް، ވަކި އިރެއް ނޯވޭ. ތަޢްލީމަކީ އަބަދުވެސް އެންމެ ތުއްތު އިރުއްސުރެން ގޮސް މީހާ ނިމިގެން ދާންދެންވެސް ހޯދަންޖެހޭ އެއްޗެއް. ޚާއްޞަކޮށް މިއުމުރުގައި ވަޒީފާ އަދާކުރުމާއި، ވަޒީފާގެ ކުރިއެރުން ހޯދަންޖެހޭ އުމުރު ފުރާގައި ތަޢްލީމީ އެކިއެކި ފުރުސަތުތައް ހޯދުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، ތިޔަބޭފުޅުން އެފުރުސަތު ހޯއްދަވައިގެން އެމަސައްކަތް ކުރައްވާކަން. އަޅުގަނޑަށް އިޙްސާސް ކުރެވޭ، އެކަމަކީ ފަސޭހަ ކަމަކަށް ނުވާނެކަން. ތިޔައިގެ ތެރެއިން ގނަ ބޭފުޅުންނަކީ ފަހަރެއްގައި މިހާރުވެސް ޢާއިލީ އެކިއެކި މަސްއޫލިއްޔަތުތައް އަދާކުރައްވާ ބޭފުޅުންނަށްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އެފަދަ މަސްއޫލިއްޔަތުތައް އުފުއްލަވަމުން ތަޢްލީމު ހާސިލު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމީ އެއީ، އަޅުގަނޑުމެން އެންމެންވެސް އެކަމަށްޓަކައި އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެކަމަށް ހިތްވަރުދީ ތަރުހީބު ދޭންޖެހޭ ކަމެއް.

އާދެ! މިފަދަ ކޯސްތައް ފުރިހަމަ ކުރުމުގެ ނަތީޖާއަކަށް ވާންވާނީ، ތިމާކުރާ މަސައްކަތުގެ ފެންވަރު ކުރިއަށް ގެންދިޔުން. އަދި ތިމާ މަސައްކަތް ކުރާ އޮފީހުގައި ތިމާގެ ކޮންޓްރިބިއުޝަން، ޙިއްޞާ ކުރިއަށްވުރެ ރަނގަޅުވެ، ކުރިއަރައިގެން ދިޔުން. އެގޮތުން އަޅުގަނޑު އުންމީދު ކުރަން، މިފަދަ ކޯސްތައް ނިންމެވުމަށްފަހުގައި އެކިއެކި އޮފީސްތަކުގައި އަދި ސަރުކާރުގެ އޮފީހެއް ކަމުގައިވީނަމަވެސް އަދި އަމިއްލަ ކުންފުންޏެއް ކަމުގައިވީނަމަވެސް، މަސައްކަތް ކުރެއްވުމަށް އިތުރު ފުރިހަމަ ކަމެއް އައިސް، ތިޔަބޭފުޅުންގެ މަސައްކަތުގައި އިތުރު ފުރިހަމަކަމެއް އައިސްގެންދާނެކަމަށް.

އެގޮތަށް އެކަން ވެގެންދާނީ، ކިޔަވާ ވިދާޅުވި އެއްޗެއްގެ އިތުރުން، މަސައްކަތުގެ ރަނގަޅު އާދަކާދަތަކެއް ހިފެހެއްޓެވިއްޔާ. މަސައްކަތުގެ ކާމިޔާބު ފެނިގެންދާނީ، ކަންކަމަށް ކަމޭހިތުން އިތުރުކުރެއްވިއްޔާ. އެގޮތުން ކަމޭހިއްތެވުން އިތުރު ކުރައްވަންޖެހޭ ތަފާތު ކަންތައްތަކެއް އެބަހުރި. އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތަށް ކަމޭހިއްތެވުން. ތިމާޔާ ހަވާލުކުރެވޭ މަސައްކަތެއް ވީހާވެސް ރަނގަޅަކަށް ކޮށް، އެކަން ނިންމައި އޭގެ ނަތީޖާއާ ހަމައަށް ވާސިލުވުން. ކަމެއް ހަވާލުވުމުން އެކަން ކޮށްލަކޮށްލާ އެތައް ދުވަހެއް ވަންދެން އެކަމުގެ ނަތީޖާއަކާ ހަމައަށް ނުދެވި، އެހެންނަމަވެސް މަސައްކަތް ކުރުމުގެ ނަމުގައި މަސައްކަތް ކޮށްލަކޮށްލަ ތިބުމަކީ އަދި އެއީކީ ކަމޭހިތުމެއް ނޫން. މަސައްކަތުގެ ބޭނުމަކީ، މަސައްކަތުން ނަތީޖާ ނެރެވުން.

ހަމައެފަދައިން ކަމޭހިތަންޖެހޭ އަނެއްކަމަކީ ގަޑިއަށް ފަރުވާ ބެހެއްޓުން. އަޅުގަނޑުމެން މަސައްކަތްކުރާ ތަނެއްގައި ކަނޑައެޅިފައި އޮންނަ ވަގުތެއްގައި މަސައްކަތުގައި އުޅުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ބައެއް އޮފީސްތަކުގައި ހުންނަ އާދައެއް އޮފީހުގެ ގަޑީގައި އެކިއެކި ކަންކަމުގައި ދާންޖެހުން. ޚާއްޞަކޮށް ބައެއް މުވައްޒަފުން ސައި ބުއިމަށްޓަކައި އޮފީހުން ބޭރަށް އެހެން ތަންތަނަށް ދިޔުން. މިއީކީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ކުންފުންޏެއްގައި މަސައްކަތް ކުރާނަމަ، އަޅުގަނޑުމެންނަށް ވަޒީފާދޭ ފަރާތުން އަޅުގަނޑުމެންނަށް އެވަޒީފާ ދީފައި ހުރީ ވަކި ގަޑިއެއްގައި މަސައްކަތްތަކެއް ކުރުމަށް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުން އަމިއްލަ ވިޔަފާރިއެއް ހިންގަވާކަމަށްވާނަމަ، ގަޑިއަކީ ވަގުތަކީވެސް ހަމަ ވަރަށް އަގުހުރި އެއްޗެއް. އެހެންވީމާ، ގަޑިއަށް ކަމޭހިއްތެވުމަކީވެސް އެއީ، ވަރަށް މުހިންމު ކަމެއް. އަދި ހަމައެހެން، ކަމޭހިތަންޖެހޭ އަނެއް ކަމަކީ އަޅުގަނޑުމެންނާއެކީގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ އެހެން އަޚުންނާއި އުޚްތުން އަޅުގަނޑުމެންނާއެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން އަދި އަޅުގަނޑުމެންގެ ވެރިން، އަޅުގަނޑުމެންގެ ސްޕަވައިޒަރުންނާ އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރާ އެކިއެކި ފެންވަރުގެ ވެރިން އެހުރިހާ އެންމެންނަށްވެސް އަޅުގަނޑުމެން އެބަ ކަމޭހިތަންޖެހޭ. ސަބަބަކީ އޮފީހެއްގެ މަސައްކަތުގެ ނަތީޖާ ދެއްކޭނީ ހުރިހާ އެންމެން އެކުވެރިކަމާއެކީގައި މަސައްކަތް ކޮށްގެން. އެކި މުވައްޒަފުން އެކި ދިމާލަށް މަސައްކަތް ކޮށްގެނެއް އެ ހާސިލު ކުރަންޖެހޭ މިސްރާބަށް ދަތުރުކޮށްގެން ހާސިލު ކުރަންޖެހޭ ކަންކަމެއް ހާސިލެއް ނުކުރެވޭނެ. އެހެންވީމާ، އެހެން މުވައްޒަފުންގެ ކަންކަމަށްވެސް ވިސްނާވަޑައިގަންނަވައިގެން ކަމޭހިއްތެވުމާއި، ރަޙްމަތްތެރިކަން އިތުރު ކުރެއްވުމާއި، އޮފީސްތެރޭގެ މާޙައުލު، އެކުވެރިކަމާއި އެއްބާރުލުމަށް ބަދަލުކޮށްލައްވައި، އެކުވެރިކަމުގެ ރޫޙް އާލާކުރެއްވުމަކީ، އެއީވެސް ކަމޭހިތުމުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް.

އާދެ! ދެން އޮތީ މަސައްކަތް ކުރާ ތަނަށްވެސް ކަމޭހިތުން. އަޅުގަނޑުމެން މަސައްކަތް ކުރާ ތަނަކީ އެއީ، އަޅުގަނޑުމެންގެ ޙަޔާތުގެ ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރާ ތަނެއް. އެތަން ވާންޖެހޭނީ، އަޅުގަނޑުމެންގެ ހިތް ފަސޭހަވާ، އަޅުގަނޑުމެންނަށް އިތުރު ބާރަކާއި، އިތުރު އުންމީދުތަކާއި އުފެއްދުންތެރިކަމެއް އަޅުގަނޑުމެންގެ ހިތްތަކަށް ވައްދައިދޭފަދަ ބިނާކުރަނިވި ތަނަކަށް. މިދަންނަވަނީ ބައެއް އޮފީސް އޮފީހަށް އަޅުގަނޑަކީވެސް ކުރީގައި ޓީޗަރެއް. އަޅުގަނޑު ޓީޗަރުކަން ދަސްކުރިއިރުގައި އަޅުގަނޑަށް ދަސްކޮށްދީފައި އޮންނަނީ ސްކޫލަކަށް ވަނީމާ، ސްކޫލް ތެރޭގެ ފާރުތަކާއި ސްކޫލްގެ މާޙައުލު ބަލާލީމާ އެނގޭނެޔޭ ސްކޫލްގެ ފެންވަރު. ހަމައެހެން، މަސައްކަތް ކުރާ އޮފީހަކަށް ވަނުމުންވެސް އެމީހުން މަސައްކަތް ކުރާ ހިސާބެއްގައި އެއީ، ވަކި ކޮޓަރިއެއް ނޫނަސް، ކިއުބިކަލްއެއް ނަމަވެސް، އެތާނގައިވެސް އެތަން ބަލާލުމުން ދޭހަވާނެ އެމަސައްކަތް ކުރާ މުވައްޒަފެއްގެ ޝައުޤުވެރިކަން މަސައްކަތަށް ހުރި މިންވަރު. ކޮންކަހަލަ ގޮތަކަށްތޯ އޭނާގެ ޑެސްކާއި އޭނާ އިންނަ ތަން ޒީނަތްތެރި ކުރެވިފައި ހުންނަނީ. ކޮންކަހަލަ މޯޓިވޭޝަނަލް ހިތްވަރުދޭ ކަހަލަ ލިޔުން ކަހަލަ އެއްޗެހި އެބަ ހުރޭތޯ. މިކަހަލަ ކަންތައްތައް އަދި އެތާނގެ ސާފުތާހިރުކަމާ މިކަންކަމަށް ވިސްނާލީމާ އެނގޭނެ، ކިހާވަރަކަށް މަސައްކަތަށް ޝައުޤުވެރިކަން ބަހައްޓާ މުވައްޒަފެއްކަންވެސް. އެހެންވީމާ، ތަނަށް ކަމޭހިތުމަކީވެސް އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ އުންމީދަކީ ތިޔަ ހުރިހާ ބޭފުޅުންވެސް ތިޔަ ހާސިލު ކުރެއްވި ތަޢްލީމުގެ ނަތީޖާގެ ސަބަބުން ތިޔަބޭފުޅުން އަދާކުރައްވާ ވަޒީފާއަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް. އަދި ހަމައެހެން، ވަޒީފާއެއްގައި ނޫޅުއްވާ ބޭފުޅުންވެސް މީގެތެރޭގައި ތިއްބަވާނެ ކޮންމެވެސް ވަރަކަށް. ހަމަ ސްކޫލް ނިންމެވުމަށްފަހުގައި މިކޮލެޖްގެ އިތުރު ކޯސްތައް ނަންގަވާ ބޭފުޅުންވެސް. އެފަދަ ބޭފުޅުންނަށްވެސް އަޅުގަނޑު އެދެނީ، ވަޒީފާގެ ފުރުސަތު ލިބިވަޑައިގެންނެވުން.

އަޅުގަނޑަށް އެނގިފައިވާގޮތުގައި ފާސްނަގައިގެން، ކިޔަވައިގެން އަދާކުރަންޖެހޭ ވަޒީފާތަކުގައިވެސް ބިދޭސީން ރާއްޖޭގައި ވަރަށްގިނައިން އެބައުޅޭ. ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ، ދިހަވަރަކަށް ހާސް ވަޒީފާގައި ފާސްނަގައިގެން އަދާކުރަންޖެހޭ މަސައްކަތް އަދާކުރާ މުވައްޒަފުން އެބައުޅެއޭ. އެހެންވީމާ، އެފަދަ ވަޒީފާތަކަކީ އެއީ، މިފަދަ ކޮލެޖްތަކުން ނިމިގެން ނުކުންނަ ކުދިންނަށް، ނިންމަވާ ބޭފުޅުންނަށް ފުރުސަތު ހަމަ ލިބެންހުރި ރޮނގު ރޮނގު. އޭގެ ތެރޭގައި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި، އެކައުންޓިންގ، މެކޭނިކުން، މެނޭޖަރުން މިހެންގޮސް ތަފާތު ޕްރޮފެޝަނަލް އެކިއެކި މަގާމުތައް އެބަހުރި. އެހެންނަމަވެސް، ބިދޭސީން އަދާކުރާ ހުރިހާ ވަޒީފާތަކަކީ އަދި މިފަދަ ކޮލެޖްތަކުން ނިމިގެން ނުކުންނަ ކުދިން އަދާކުރަން ބޭނުންވާނެ ވަޒީފާތަކެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ މިޤައުމުގައި ބިދޭސީން އެކިއެކި ވަޒީފާތަކުގައި ގެންގުޅެއް އެބަޖެހޭ. ނަމަވެސް ޙަޤީޤަތަކީ މިހާރުވެސް ދިވެހިރާއްޖޭގައި ގިނައަދަދެއްގެ ޒުވާނުން ވަޒީފާ ނެތިފައި އެބަތިބިކަން. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި 30 އަހަރުން ދަށުގެ ކޮންމެ ފަސްކުއްޖަކުން އެއްކުއްޖަކީ ވަޒީފާއެއްގައި ނޫޅޭ ކުދިން. އެހެންވީމާ، ވަކިން ޚާއްޞަކޮށް އެފަދަ ކުދިންނަށްވެސް ތަޢްލީމު ލިބިދިނުމާއި އަދި ސްކޫލް ނުނިންމާ ތިބޭ ކުދިންނަށްވެސް ސްކޫލް ނިންމުމުގެ ފުރުސަތު، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ދަށުން ލިބުމާއި، ކޮލެޖްގެ ސެޓްފިކެޓް ޑިޕްލޮމާ ކޯސްތައް ނަގައިގެން ވަޒީފާގެ ބާޒާރަށް ނިކުމެވޭނެ ފުރުސަތު ލިބުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

މިއަދު މިވަނީ މިޤައުމުގެ ކުރިމަގުގައި ޒުވާނުން އަދާކުރަންވީ މަގާމަކީ ކޮބައިތޯ ވިސްނަން ޖެހިފައި. އަޅުގަނޑުމެންގެ އާބާދީއަކީ ވަރަށް ކުޑަކުޑަ އާބާދީއެއް. އަޅުގަނޑުމެންގެ ޤައުމުގައި މިހާރު ގާތްގަނޑަކަށް ކޮންމެ ހަތަރު މީހަކުން އެކަކީ ބިދޭސީއެއް. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންގެ މަދު ޒުވާނުންކޮޅު މިޤައުމުގެ މުސްތަޤްބަލުގައި އަޅުގަނޑުމެން ބޭނުން ކުރަންޖެހޭނީ ކިހިނެއްތޯ! އެޒުވާނުން އަދާކުރާނީ ކޮންކަހަލަ ވަޒީފާ ތަކެއްތޯ! ފުރާނީ ކޮން މަގާމުތަކެއްތޯ! މިކަމަށް ވިސްނުމަށްފަހުގައި މުސްތަޤްބަލްގައި އަޅުގަނޑުމެން އެދޭ މަގާމުތަކަކަށް ޒުވާނުން ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ތަޢްލީމާއި ހުނަރުތަކުގެ ޕްރޮގްރާމްތައް ހިންގުމަކީ، ވަރަށް މުހިންމު ކަމެއް.

މިކަން އަޅުގަނޑުމެންނަށް ދެނެގަނެވޭނީ، ފުރަތަމަ އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު އަޅުގަނޑުމެން ބައްޓަންކުރަން ގަސްދުކުރާ ގޮތަކުން. ކޮބައިތޯ، އަޅުގަނޑުމެން މިރާއްޖެ ގެންދިޔުމުގައި އަޅުގަނޑުމެން ކުރިއަށް ގެންދާ މިޞްރާބަކީ. އަދި ހަމައެހެން، ރާއްޖޭގައި އަޅުގަނޑުމެން ކުރިއަރުވަން ގަސްދުކުރާ ޞިނާޢަތްތަކަކީ ކޮބައިތޯ. އާދެ، މިހާރު ކޮން ސިނާޢަތް ތަކެއްތޯ ކުރިއަރުވަން ޖެހެނީ. ކޮން ސިނާޢަތް ތަކެއްތޯ އަލަށް ރާއްޖޭގައި އުފައްދަން މިޖެހެނީ. މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ ވިސްނައި ގޮތްތަކެއް ނިންމަން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ އަދި އެންމެ ބޮޑު ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތު. ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެދިފައިވަނީ މިދާއިރާގައި. މިކޮލެޖަކީވެސް މިއީ، ހިންގުމާއި މެނޭޖްމަންޓާއި ހޮސްޕިޓޭލިޓީއާއި ތަފާތު ރޮނގުރޮނގުން ތަމްރީނު ދެމުންގެންދާ ކޮލެޖެއް. މިހާރު ހަދަން ފެށިފައިވާ ރިޒޯޓުތައް ނިމެމުންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް މިއޮތް އަހަރެއް ދެއަހަރު ދުވަހުގެ ތެރޭގައިވެސް އިތުރު ރިޒޯޓުތަކެއް ނިމިގެން ހުޅުވޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. އެހެންވީމާ، އިތުރު ކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާތައް ހުޅުވިގެންދާނެކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ.

ހަމައެހެން، އަޅުގަނޑުމެންގެ ތެރޭގައި އޮތް ދުވަސްވީ އަނެއް ޞިނާޢަތަކީ މަސްވެރިކަން. މަސްވެރިކަމުގެ ރޮނގުންވެސް އަޅުގަނޑުމެންގެ މުސްތަޤްބަލް އަޅުގަނޑު ދެކެނީ އުޖާލާކޮށް. ސަބަބަކީ ފުރަތަމަ ކަމަކަށް، މިހާރު އަޅުގަނޑުމެން މިބާނާ މަހަށް، ކުރިން އަޅުގަނޑުމެން އެކްސްޕޯޓް ނުކުރާ އެކިއެކި ޕްރޮޑަކްޓްތައް މިހާރު އެކްސްޕޯޓް ކުރަމުން އެބަގެންދަން. އަދި އެއަށް ބޭރުން ލިބޭ އަގުވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ރަނގަޅުވަމުން. އަޅުގަނޑުމެންގެ މައިގަނޑު ޕްރޮޑަކްޓަކީ ޓޫނާ. ޓޫނާވެސް، ކަނޑުމަހުގެ ބާވަތްތަކަކީވެސް ދުނިޔޭގެ ބާޒާރުގައި ފުދޭވަރެއްގެ ރަނގަޅު އަގެއް ލިބެމުން އަންނަ އެއްޗެއް. އަދި ކުރިއަތްއޮތްތާނގައި އަގު ރަނގަޅުވަމުންދާނެ. ސަބަބަކީ، ބައެއް ބާވަތްބާވަތުގެ ޓޫނާ، ކަނޑުމަސް، ގޮދާ، މަދުވަމުންދާތީ. ވީމާ، ދުނިޔޭގެ އާބާދީ އިތުރުވަމުން ދިޔަދިޔަހެން މަދުވަމުންދާ އެއްޗެއްގެ އަގު، ދާނީ މައްޗަށް އަރަމުން.

ދެވަނަ ސަބަބަކީ، މިހާރު ސަރުކާރުގެ ފަރާތުން ވަރަށްގިނަ ފަޅުރަށްތައް ދޫކުރައްވަމުން އެބަގެންދަވާ މަސްވެރިކަމާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގަން. އޭގެތެރޭގައި، ޚާއްޞަކޮށް ފަޅު ތެރޭގައި އުފެއްދޭ އެކިއެކި ބާވަތްތައް، އެވެސް ހަމަ ފުދޭވަރެއްގެ އަގު ރަނގަޅު އެކި ޕްރޮޑަކްޓްތައް ހެއްދުމަށްޓަކައި. އަދި އެކުއަރކަލްޗަރގެ މަސައްކަތް ކުރުމަށްޓަކައިވެސް އެކިއެކި މަޝްރޫޢުތައް އުފެދެމުން، އަމިއްލަ ފަރާތްތަކުން އެކަންކަމުގައި އިސްނަގަމުން އެބަގެންދޭ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ އެރޮނގުތަކުންވެސް އަޅުގަނޑުމެންނަށް އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށް.

އާދެ! މިދެންނެވި ދެ ޞިނާޢަތުގެ އިތުރުން، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޞިނާޢަތެއް އެގްރިކަލްޗަރ، ދަނޑުވެރިކަން. މިކަމަކީ ކުރިއަކުން އަޅުގަނޑުމެންގެ ތެރޭގައި ޞިނާޢަތެއްގެ ގޮތުގައި ރޭވިގެން މާބޮޑު އާމްދަނީތަކެއް ލިބެމުން އަންނަ ކަމެއް ނޫން. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ވަރަށް ރަނގަޅު މުސްތަޤްބަލެއް. ދާދިފަހުން އަޅުގަނޑު އަތޮޅުތަކަށް ކުރި ދަތުރެއްގައި އަޅުގަނޑަށް ދިމާވި ސްވީޓް މެލަން ހައްދާ އަންހެނުންގެ ގްރޫޕަކާ. ސްވީޓް މެލަން ދެކިލޯ ގްރާމް އެދުވަހު އެތަނުން ވިއްކީ ދިހަ ޑޮލަރަށް. އެމެރިކާގައި ހަމަ އެ ސްވީޓް މެލަން ގަންނަން ލިބޭނެ ތިން ޑޮލަރަށް. އަޅުގަނޑުގެ ވާހަކައަކީ، ރާއްޖޭގައި މިކަހަލަ ޕްރޮޑަކްޓްސް ހެއްދިއްޖެއްޔާ އެއަށް ޑިމާންޑް އެބައޮތޭ. މިހާރު ރާއްޖެއަށް އެބަ އެތެރެ ކުރޭ އަހަރަކު ގާތްގަނޑަކަށް ވިހިމިލިއަން ރުފިޔާގެ ލެޓިއުސް. ވިއްސަކަށް މިލިއަން ރުފިޔާގެ މެލަން. ހައެއްކަ މިލިއަން ރުފިޔާގެ ކިޔުކަމްބާ. ގާތްގަނޑަކަށް ތިން މިލިޔަން ރުފިޔާގެ ކަރާ. މިތަކެއްޗަކީ މިއީ، ދިވެހިރާއްޖޭގައި އުފެއްދޭ ތަކެތި. އުފެއްދޭނެ ތަކެތި. އަދި މިހާރަށްވުރެވެސް މާރނގަޅަށް އުފެއްދޭނެ ތަކެތި. މިތަކެތި އުފެއްދުމާއި، މިތަކެތި މާކެޓް ކުރުމާއި، ވިއްކުމުގައި މިހާރު ޒުވާން ތަޢްލީމީ ކުދިން ހަރަކާތްތެރިވާން ފެށުމުން މިމަސައްކަތަށް ކުރިއެރުން ލިބިގެން އަންނާނެ. އޭގެ ސަބަބުން މިދެންނެވި އަދަދުތައް ދެންނެވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއީވެސް ހަމަ ރަނގަޅު އާމްދަނީއެއް ހޯދޭ ކަހަލަ ބޮޑު މަސައްކަތެއްކަން.

މިއަދު އަޅުގަނޑުމެންވެއްޖެ، ދިވެހިރާއްޖޭގައި އެގްރިކަލްޗަރ ކޮލެޖެއް އުފައްދަން. އެރޮނގުންވެސް އަޅުގަނޑުމެންނަށް ހަމަ ރަނގަޅު ތަމްރީނުތައް ދޭން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރަނގަޅު އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ބޭނުންކުރުމުގެ ރަނގަޅު މާސްޓަރ ޕްލޭނެއް ހެދިގެން، މިދެންނެވި ކަންކަމަށް ރިޢާޔަތް ކޮށްގެން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭކަމަށްވާނަމަ، އަޅުގަނޑުމެންގެ ތެރޭގައި ވަޒީފާނެތި ބޭކާރުވެފައިތިބޭ ކުދިންނެއް ނުތިބޭނެ. އަދި އޭގެ ސަބަބުން، މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ވަރަށްބޮޑެތި ބަލިތަކެއް މަސްތުވާތަކެތި ބޭނުންކުރުމާއި، މާރާމާރީ ހިންގުން. މިބާވަތުގެ ކަންތައްތަކުންވެސް އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނީ ޒުވާނުންނަށް އުފެއްދުންތެރި ކަންތައްތަކެއް ދައްކުވައިދީގެން.

އެނގިވަޑައިގަންނަވާނެ، ހުރިހާ ބޭފުޅުންނަށްވެސް ގްރޭޑް 10 މިހާރު ނިމޭއިރު ޢާންމު ގޮތެއްގައި ކުއްޖެއްގެ ޢުމުރަކީ 16 ވަރަކަށް އަހަރު. 16 އަހަރު، 17 އަހަރުގެ ކުދިންނަކަށް ރަސްމީގޮތުން ވަޒީފާއެއް އަދާއެއް ނުކުރެވޭނެ. މިހުރހާ ކުދިންނަކަށް ތަޢްލީމު ލިބޭނެ މަގެއްވެސް ނެތް. އެހެންވީމާ، މިދެންނެވި ކުދިންތައް މިއުޅެނީ ގިނަވެގެން. މިކުދިން ފުރުސަތެއް ނެތި ގިނަވެފައި ތިބުމުގެ ސަބަބުން ދެން އަހަރަކަށްފަހު އަހަރެއް ދާނީ އެކުދިންގެ މުސްތަޤްބަލް ބަނަވަމުން. ގޮސް އެންމެފަހުން އޭނާގެ ޢުމުރުން 19 އަހަރު 20 އަހަރު ި 21 އަހަރު ވާއިރުގައި ވަރަށް ނުރައްކާތެރި ދިރިއުޅުމެއް އުޅެން މިޖެހެނީ. މިކަންކަމުން ޒުވާނުން ސަލާމަތް ކުރެވޭނީ ތަޢްލީމީ ފުރުސަތުތައް، މަސައްކަތްތެރިކަމުގެ ފުރުސަތުތައް އެކުދިންނަށް އަޅުގަނޑުމެން ހޯދައިދީގެން. އެހެންވީމާ، އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން، އަމިއްލަ ފަރާތްތަކުން ތިޔަކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް ތަރުޙީބުދީ ތަޢުރީފް ކުރަން. އަޅުގަނޑު އެދެން، މިފަދަ ކޮލެޖްތަކަށް ކުދިން ވެއްދުމަށްޓަކައި ކޮލެޖަށް ވަނުމުގެ ކުރިން ސްޕެސިފިކް ކޯސްތަކެއް ހުންނަންޖެހޭ ކަމަށް. އަދި އެކަމުގައި ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ތެރެއިން ކޮލެޖްތަކަށް ކުދިން ގެނެވޭނެ ކޯސްތަކެއް އުފެދިގެން ދާންޖެހޭ ކަމަށް.

ދެން އަޅުގަނޑު ދަންނަވާލާނަން ނިންމާލުމުގެ ކުރިން އަދި އެއްވާހަކަ. އެވާހަކައަކީ، މިހާރު އަޅުގަނޑުމެންގެ މިކޮލެޖަކީވެސް އަޅުގަނޑަށް މިރޭ މިފެނުނު ގޮތުގައި ވަރަށް ރަނގަޅު ފެންވަރެއްގެ ކޮލެޖެއް. ކޮލެޖްގެ ފެންވަރު ރަނގަޅުވުމަށްޓަކައި ކޮންމެހެން އެކޮލެޖް ހުންނާކަށްނުޖެހޭ ރާއްޖެއިން ބޭރުގައި. ރާއްޖޭގައި ހުންނަ ކޮލެޖަކަށްވެސް ހަމަ ރަނގަޅު ފެންވަރެއްގައި އަޅުގަނޑުމެންގެ ކުދިންނަށް ތަޢްލީމު ދެވިދާނެ. އެކަން މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. މިފަދަ ތަޢްލީމް އަޅުގަނޑުމެން ދޭއިރުގައި އަޅުގަނޑުމެން އަދި ވިސްނާލަންޖެހޭ އިތުރު ކަމެއް އެބައޮވޭ. އެއީ، ކޮންމެ ރޮނގަކުން ކިޔެވިކަމުގައިވީނަމަވެސް އެކުއްޖަކީ އެއީ، މެނޭޖްމަންޓް ކިޔެވި ކުއްޖެއް ކަމުގައިވީނަމަވެސް، ކޮމްޕިއުޓިންގ ހެދިނަމަވެސް، އަދި އިންޖިނިއަރިންގ ހެދިނަމަވެސް، ކޮންމެ ކުއްޖަކުވެސް އެބަޖެހޭ މިޤައުމުގައި އުޅޭ މިޤައުމުގެ އާދަކާދަތަކާއި، މިޤައުމުގެ އަޅުގަނޑުމެންގެ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ދިވެހި ވެށީގައި އުޅެވޭނެ ހަރުދަނާ ކުއްޖަކަށްވާން. އަދި ޤައުމީ ކަންކަމާ ދޭތެރޭގައި، ދިރިއުޅުމުގެ ކަންކަމާ ދޭތެރޭގައި، ވިސްނާ ފިކުރު ކުރެވޭ ކުއްޖަކަށް ވާން. އަމިއްލަ ވިސްނުމަށް ކަންކަން ނިންމަން އެނގޭ ކުއްޖަކަށްވާން އެބަޖެހޭ. މީހުން ބުނާހާ އެއްޗެއް ބުނާހާ ގޮތަކަށް ޤަބޫލު ކުރުމަކީ އެއީ، ޢިލްމުވެރިންގެ ގޮތެއް ނޫން. ތަންދޮރު އެނގިފައި ތިބޭ މީހުންގެ ގޮތެއް ނޫން އެއީ. ހަމަ މީހަކު ބުނާހާ އެއްޗެއް ޤަބޫލު ކުރުމަކީ.

މިއަދު އަޅުގަނޑުމެން އުޅެން ޖެހިފައި މިވަނީ ޑިމޮކްރެޓިކް ވެށްޓެއްގައި. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޙައްޤުތަކެއް އަޅުގަނޑުމެން އެބަޖެހޭ ތަންފީޛު ކުރަން. އޭގެ ތެރެއިން އެންމެބޮޑު އެއް ޙައްޤަކީ ވެރިކަމުގެ ކަންކަމުގައި ބަސްބުނުމުގެ ޙައްޤު. ވޯޓު ދިނުމުގެ ޙައްޤު. މިހެން ހުރި ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ، އަމިއްލަ ވިސްނުމުގައި ކަންކަން ނިންމަން އެނގިގެން. ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ތަޢްލީމުގެ ތެރޭގައި އެބަ ހިމަނަންޖެހޭ، ކުދިންނަށް ވިސްނުމުގެ ހުނަރުތައް. ކަންކަމާ ދޭތެރޭގައި އަމިއްލައަށް ޚިޔާލުކޮށް ގޮތްގޮތް ނެރުމުގެ ހުނަރު އެބަ ދަސްކޮށްދޭންޖެހޭ. މި ދެންނެވި އުސޫލުތަކުގެ ތެރެއަށް އަޅުގަނޑުމެން ވަރަށްބޮޑެތި ބަދަލުތައް މިހާރުވަނީ ގެނެސްފައި. ހަމައެކަނި އިމްތިޙާނަކަށް ތައްޔާރުވުމުގެ ގޮތުން ފިލާވަޅުތައް ހިތުދަސްކޮށްލައިގެން ގޮސް އިމްތިހާނު ނަގާ އުޞޫލު މިހާރު ވަނީ ދޫކޮށްލެވިފައި. އޭގެ ބަދަލުގައި އިމްތިޙާނުތައްވެސް ހެދިގެން މިއަންނަނީ އިމްތިޙާނުގެ ޖަވާބު ދިނުމުގައި އަމިއްލަ ވިސްނުމުން އެޖަވާބު ލިބެންޖެހޭ ގޮތަށް. އެހެންވީމާ، ކުޑައިރުއްސުރެން ތަޢްލީމުގެ ތެރޭގައި އަދި ތަޢްލީމުގެ ހުރިހާ މަރްޙަލާއެއްގެ ތެރޭގައިވެސް އެބަޖެހޭ، މިދެންނެވި ބަޔަށް ސަމާލުކަންދޭން. ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް. ޒުވާނުން ބޮޑެތި މީހުންނަށް ވެގެން އަންނައިރުގައި ދެވޭ ތަޢްލީމުގެ ތެރޭގައި އެބަ ހިމެނެންޖެހޭ، އަޅުގަނޑުމެންގެ ސަޤާފީ ކަންކަމުގެ އިތުރުން، އަޅުގަނޑުމެން އަލަށް އަޅުގަނޑުމެންގެ ތެރެއަށް ގެންނަ ޑިމޮކްރެޓިކް އެކިއެކި ވެލިއުސްތައް އަޅުގަނޑުމެން އެބަޖެހޭ ދަސްކުރަން. އެކަމަކީ އެއީ، ހަމައެކަނި މަސައްކަތުގެ ބޭރުގައި، އޮފީހުން ބޭރުގައި، ވޯޓުދޭން ދާއިރުގައި ކުރަންޖެހޭ ކަމެއްނޫން. ޑިމޮކްރެޓިކް ވިސްނުމާއި، ޑިމޮކްރެޓިކް އާދަކާދަތަކަކީ، އަޅުގަނޑުމެންގެ ޢާއިލާގެ ތެރެއިން ފެށިގެން ގޮސް އަޅުގަނޑުމެންގެ މަސައްކަތާ ހިސާބަށް އޮންނަންޖެހޭ ކަމެއް. އެކަންކަން އަޅުގަނޑުމެންގެ ޢަމަލުން، އަޅުގަނޑުމެންގެ ދިރިއުޅުމަށް އޭގެ އަސަރު ނުކުރާކަމަށްވަންޏާ ޙަޤީޤީ ޑިމޮކްރަސީ ޤާއިމު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތަޢްލީމުދޭ ހުރިހާ ތަނެއްގައިވެސް އެއީ، ސްކޫލެއް ކަމުގައިވީނަމަވެސް، ކޮލެޖެއް ކަމުގައިވީނަމަވެސް، ޔުނިވަރސިޓީއެއް ކަމުގައިވީނަމަވެސް، މިދެންނެވި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް.

އާދެ! އަޅުގަނޑު އުންމީދު ކުރަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ތިޔަބޭފުޅުންގެ ދިރިއުޅުމުގަޔާއި، މަސައްކަތުގެ ރޮނގުން އިތުރު ކުރިއެރުންތަކާއި ކާމިޔާބުތައް ލިބިވަޑައިގަންނަވާނެ ކަމަށް. ﷲ ސުބްޙާނަހޫ ވަޠަޢާލާ ތިޔަހުރިހާ ބޭފުޅުންނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވާށި!


والسّــلام عليــكم

________________