ދިވެހިރާއްޖޭގެ ހަކަތައާ ގުޅޭ މައްސަލަތައް، އިޤްތިޞާދީ ގޮތުން ޙައްލު ކުރައްވައި، އެކަންތައްތައް އިތުރަށް ހަލުވިކަމާއެކު ތަންފީޛު ކުރައްވައި، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގެވުމަށްޓަކައި [ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް އޮފީސް] މިނަމުގައި އޮފީހެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިއޮފީސް އުފެއްދެވުމަށް ނިންމެވީ، ދިވެހިރާއްޖޭގެ ހަކަތައާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް، ހަރުދަނާ ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު ޙާޞިލު ކުރެއްވުމުގެ ދެމަޤްޞަދެއް އޮތްކަން ފާހަގަކުރެއްވިއެވެ. އެއް މަޤްޞަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެފަދަ ކުޑަ ޤައުމަކުން ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރުމެވެ. ދެވަނަ މަޤްޞަދަކީ، ހަކަތަ އުފެއްދުމަށް ރާއްޖެއިންކުރާ ބޮޑު ހޭދައަށް ލުޔެއްގެނެސް، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމެވެ. އެހެންކަމުން، މި މަޤްޞަދުތައް ޙާޞިލުކޮށް، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި މިފަދަ އޮފީހެއް އުފެއްދެވުމަކީ، ވަރަށް މުހިންމު އަދި މިވަގުތަށް ވަރަށް ބޭނުންތެރި ކަމެއްކަން މެންބަރުން ހާމަކުރެއްވިއެވެ. އަދި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް، ބޭރުގެ އެހީ ހޯދުމާއި، މަޝްރޫޢުތަކާއި، އިންވެސްޓްމަންޓް ޕްލޭންތައް އެކުލަވައިލުމަކީ، ސަރުކާރުން ވަރަށް އިސްކަން ދެއްވާ ކަމެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިއޮފީސް ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ކަމަށްވެސް ނިންމެވިއެވެ.

ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް އޮފީހުން ކުރައްވާނެ މައިގަނޑު މަސައްކަތްތައްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. އެމަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ތެޔޮ ބޭނުންނުކޮށް، އެންމެ އަގުހެޔޮ ގޮތެއްގައި ހަކަތަ އުފެއްދޭނެ މަގެއް ހޯދުމާއި، ޓެކްނޯލޮޖީގެ ބޭނުން، އެންމެ ރަނގަޅު ގޮތުގައި ހިފާނެ ގޮތްތައް ރާވައި ހިންގުމެވެ. އަދި ޔޫޓިލިޓީ ކުންފުނިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުވައިދިނުމާއި، ކުންފުނިތަކުގެ ކެޕޭސިޓީ ބިލްޑް ކުރުމަށް ޚާއްޞަ ކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުވައިދިނުމުގައި، ބޭރު ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި، މާލީ އެހީތެރިކަން ފޯރުވައިދޭ ފަރާތްތަކާ މުޢާމަލާތުކޮށް، ގުޅުން ބަދަހިކުރުމެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ހިންގަވަމުން ގެންދަވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ، ޓިވެޓް ޕްރޮގްރާމް، މިހާރު ކުރިއަށްދާގޮތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، [ޓިވެޓް އޮތޯރިޓީ]ގެ ނަމުގައި އާ އިދާރާއެއް ޤާއިމް ކުރައްވައި، އެ އޮތޯރިޓީން ކަނޑައަޅުއްވާ ޕްރޮގްރާމްތައް، [މޯލްޑިވްސް ޕޮލިޓެކްނިކް] މެދުވެރިކުރައްވައި ހިންގެވުމަށް ނިންމެވިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މައިގަނޑު 9 މުޢާހަދާގެ ތެރޭގައި ހިމެނޭ މުޢާހަދާއެއް ކަމަށްވާ [އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރަންސް] މުޢާހަދާގައި ދިވެހިރާއްޖެ ބައިވެރިވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މި މުޢާހަދާގައި ރާއްޖެ ބައިވެރިވުމަކީ، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ދެމުންގެންދާ އަހަންމިއްޔަތު އިތުރަށް ހާމަވެގެންދާނެ ކަމެއް ކަމާއި، މިމުޢާހަދާގެ ސަބަބުން ދިވެހި ރައްޔިތުންނަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.