ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް އިތުރު ހަލުވިކަމާއެކު ގެންދެވުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި [ވަޒީރުންގެ މަޖިލިސް ޑިޖިޓަލް]ގެ ނަމުގައި ޕޯޓަލްއެއް ޤާއިމްކުރެވި، ވަޒީރުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތައް، އެއްނިޒާމެއްގެ ދަށަށް ގެންނަވައި، ޑިޖިޓަލްކޮށް ފުރަތަމަ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަވައިފިއެވެ.

ޑިޖިޓަލް ކުރުމުން، ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެ، އިދާރީ ގޮތުން ވަގުތު ސަލާމަތްކުރެވި، ވަޒީރުންގެ މަޖިލީހުގެ ލިޔެކިޔުންތައް ޕްރިންޓް ކުރުމަށް ބޭނުންކުރެވޭ ކަރުދާހުގެ ޚަރަދުގެ 90 އިންސައްތަ ސަލާމަތް ކުރެވި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ މަގުފަހިވެގެން ދިޔައީއެވެ. އަދި ވަޒީރުންގެ މަޖިލިސް ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުގެ 50 އިންސައްތަ ކުޑަކުރެވުނީއެވެ.

[ވަޒީރުންގެ މަޖިލިސް ޑިޖިޓަލް]ގެ ނަމުގައި މި ޤާއިމް ކުރެވުނު ނިޒާމް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެންދަވަނީ ބޭނުންކުރައްވަމުންނެވެ. މިގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް، އެ ވަޒީރެއްގެ އޮފީހުގައި އިންނަވައިގެން، ވަޒީރުންގެ މަޖިލީހުގެ އެންމެހާ ލިޔެކިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަންތައްތަކުގެ ތަފްޞީލާއި ނިންމެވުންތައް ކުރިއަށް ގޮސްފައިވާ މިންވަރު ބައްލަވައި، ޚިޔާލު ބަދަލުކުރުމުގެ ފުރްޞަތު ވަނީ ތަނަވަސްވެފައެވެ.