ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އިސްލާމީ މުޖްތަމަޢެއް ބިނާކުރުމުގެ ބުރަ މަސައްކަތުގައި، ޢިލްމީ ގޮތުންނާއި، ޢަމަލީގޮތުން ބައިވެރިވެވޭ ޒުވާނުންތަކަކަށް، ޤައުމު ބޭނުންވެފައިވާ ކަމުގައި ނައިބު ރައީސް އަދި މަތީ ތަޢްލީމާބެހޭ މަޖިލީހުގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޔުނިވަރސިޓީ ކައުންސިލް އިފްތިތާޙް ކުރުމުގެ ޖަލްސާގައި، އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ޔުނިވަރސިޓީ ނިންމާ ޢިލްމީ ޒުވާނުންނަކީ، އިސްލާމްދީން ރަނގަޅަށް ދަސްކުރާ އަދި ދިރާސާކުރާ ބަޔަކަށްވުމަކީ މުހިންމު ކަމެކެވެ.

ޔުނިވަރސިޓީ ތަޢްލީމް ޙާޞިލުކުރާ ކޮންމެ ދަރިވަރަކު ނަގަންޖެހޭ އަސާސީ ކޯސްތަކެއް ހުންނަންޖެހޭކަން ނައިބު ރައީސް ފާހަގަކުރައްވަމުން، ކޮންމެ ރޮނގަކުން ތަޢްލީމް ޙާޞިލުކުރި ނަމަވެސް، މިކޯސްތައް ނެގުން ލާޒިމްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ފުރަތަމަ ދާއިރާއަކީ، އިސްލާމާއި ޑިމޮކްރަސީ ކަމަށާއި، ދެވަނަ ދާއިރާއަކީ، ފިލޯސަފީ އަދި ތިންވަނަ ދާއިރާއަކީ، ބަހާއި އަދަބު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް ހޮވިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މަރްޙަބާ ވިދާޅުވަމުން، ޤައުމީ ޔުނިވަރސިޓީގެ ސިޔާސަތުތައް ކަނޑައަޅުއްވައި، ޔުނިވަރސިޓީ ހިންގެވުމުގެ މުހިންމު މަސްއޫލިއްޔަތު، ޤާނޫނީގޮތުން އުފުއްލަވާ ބޭފުޅުންނަކީ، ޤައުމީ ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުންކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުގެ ފެންވަރުގައި ފައިހަމަކުރާ ޔުނިވަރސިޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އަޅުގަނޑުމެން މިއެދޭ މުސްތަޤްބަލް ބައްޓަން ކުރުމަށްޓަކައި އެންމެ ބޭނުންތެރި ރޮނގު ރޮނގުން އިންސާނީ ވަސީލަތް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޮށްދެއްވުމަށާއި، ޔުނިވަރސިޓީގެ ތަޢްލީމް ފުރިހަމަކުރާ ޒުވާނަކީ، ކޮންކަހަލަ ޢިލްމަކާއި ފިކުރެއްހުރި، ކޮންކަހަލަ އަޚްލާޤަކާއި ޤާބިލުކަމެއް ހުރި ޒުވާނެއްތޯ ވިސްނަވައިދެއްވުމަށްވެސް ކައުންސިލްގެ މެންބަރުން އަރިހުން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޔުނިވަރސިޓީއަކުން ޑިގްރީ ޙާޞިލްކުރާ ޒުވާނަކީ، އިނގިރޭސިބަސް ބޭނުންކުރަން ނޭނގޭ މީހަކަށްވުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކޮންމެ ރޮނގަކުން ކިޔެވިނަމަވެސް، ޔުނިވަރސިޓީ ދަރިވަރުންގެ އިނގިރޭސިބަހުގެ ކަނޑައެޅިފައިވާ ފެންވަރެއް ހުންނަން ޖެހޭނެ ކަމަށާއި، ޑިގްރީ ފުރިހަމަ ކުރުމަށް ނަގާ މަތީ ފެންވަރުގެ ކޯސްތައް ނެގުމުގެ ކުރިން، އިނގިރޭސި ފެންވަރު ޤާއިމްކުރެވޭ އިމްތިޙާނެއް ނުވަތަ ކޯސްތަކެއް އޮންނަން ޖެހޭނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.