ތަހުޒީބު އިޤްތިޞާދެއް ބިނާކުރެއްވުމަށްޓަކައި ސަރުކާރުން ގެންނަވާ ބަދަލުތަކާ ބެހޭގޮތުން ދަރުމަވަންތަ ސްކޫލްގެ ކްލާހެއްގެ ސެޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ކިޔަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ސެޝަންގައި ކިޔަވައިދެއްވީ، އެސްކޫލްގެ ގްރޭޑް 10އެއްގައި ކޮމާރސް އަދި އިކޮނޮމިކްސް ކިޔަވާ ކުދިންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނަންގަވައިދެއްވި ސެޝަންގައި، ރަނގަޅު ހަރުދަނާ އިޤްތިޞާދެއްގެ ބޭނުމާއި، އެފަދަ އިޤްތިޞާދެއްގައި ހުންނަންވީ ސިފަތައް، ކުދިންނަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ޓެކްސްގެ ނިޒާމަށް ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާ ބަދަލުތަކާއި، މިބަދަލުތަކުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވާނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އެކުދިންނަށް މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނަންގަވައިދެއްވި މި ސެޝަން ބެލުމުގެ ޝައުޤުވެރިކަން ވަރަށް ގިނަ ކުދިން ފާޅުކުރަމުން ގެންދާތީ، މި ސެޝަންގެ ވީޑިއޯ ރެކޯޑިންގއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް، ބެލޭނެ އިންތިޒާމު ގެންދަވަނީ ހަމަޖައްސަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ދަރުމަވަންތަ ސްކޫލަށް މިއަދު ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލްގެ ކްލާސްތައް ބައްލަވާލައްވައި، ސްކޫލްގެ ވެރިންނާއި، ސްކޫލް ބޯޑުގެ މެންބަރުންނާ ބައްދަލުކޮށްލެއްވިއެވެ. އަދި، ސްކޫލްގެ ދަރިވަރުންގެ ފަރާތުން، ސްކޫލް ކެޕްޓަން، ދަރިވަރުންގެ ޝުޢޫރު ފާޅުކުރިއެވެ.