ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ ރޮބަރޓް ޓަކީ-މެންސަން، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ގާނާގެ އާ ސަފީރާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ގާނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ، ވިޔަފާރިއާއި، އިޢާދަކުރަނިވި ހަކަތައާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ މައްޗަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލްއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަސްލަމް މުޙަންމަދު ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ.