ނެދަރލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިއޯނީ ކުލެނާރާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ނެދަރލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއާއި ނެދަރލެންޑްސްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ލިއޯނީ ކުލެނާރާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތަކާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނެދަރލެންޑްސްއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ. އަދި ނެދަރލެންޑްސްއާއި ރާއްޖެއާ ގުޅިގެން ހިންގަމުންދާ ބޮސްކާލިސް ޕްރޮޖެކްޓްއާއި އަދި ޑޮކްލަންޑްސް ޕްރޮޖެކްޓަކީ ވަރަށް މުހިންމު ދެ ޕްރޮޖެކްޓްކަން ފާހަގަކުރައްވައި، މި މަޝްރޫތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅު ކާމިޔާބުވުމުގެ މަގުފަހިވާނެ ކަމުގައި ވިދާޅުވިއެވެ.

ލިއޯނީ ކުލެނާރާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދެވުމަށް ހިތްވަރު ދެއްވައި، ބައެއް ޚިޔާލުފުޅުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަސްލަމް މުޙަންމަދު ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ.