އިޓަލީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފެބްރީޒިއޯ ޕިއޯ އަޕިއަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިޓަލީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިޓަލީއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ބައްލަވާލައްވަމުން، ދެ ޤައުމު އެކީގައި މަސައްކަތް ކުރެވިދާނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިގޮތުން ތަޢުލީމީ ދާއިރާއިން މަގުފަހިކުރުމަށްޓަކައި، ރާއްޖޭގައި ހަދާފައިވާ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާއިން ތަމްރީނު ހޯދުމަށް އިޓަލީގެ 20 ދަރިވަރުން މިއަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިޓަލީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުންވެސް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.