ލިބޭ އާމްދަނީގެ މައްޗަށް ބިނާވެގެން، ތާހިރު ދިރިއުޅުމެއް އުޅުމަށާއި، އަދި އެމީހަކުކުރާ މަސައްކަތަށް ޙައްޤުވާ ވަރަށްވުރެ ދަށް އުޖޫރައެއްގައި، އެއްވެސް މީހަކު ވަޒީފާއެއްގައި ނުގެންގުޅުމަށްޓަކައި، މީހަކަށް އެންމެ ދަށްވެގެން ދެވޭނެ އުޖޫރަ، މިއަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވެ، އަދި މުސްތަޤްބަލްގައި ރާއްޖެއަކީ ފުއްދުންތެރި ޤައުމަކަށް ހެދުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ކޮންމެހެން ބޭނުންވާ ހެޔޮ ބަދަލުތައް ގެންނެވުމަށް ސަރުކާރުން މަސައްކަތް ފަށްޓަވާފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އޭގެތެރޭގައި، ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު، އޭގެ ހަމަ އަގުގައި ވާދަކުރުމުގެ މިނިވަންކަން ވީއްލުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ކޮންމެ އެމެރިކާ ޑޮލަރަކީ، ދިވެހި، ބާރަ ރުފިޔާ އަށްޑިހަ ފަސްލާރި ކަމަށް ކުރިން ކަނޑައެޅިފައި އޮތް ނަގުލީ އަގަކީ، މިދެފައިސާގެ ވިޔަފާރީގެ މުޢާމަލާތުން ހޯދިފައި އޮތް ޞައްޙަ އަގެއް ނުވަތަ ރޭޓެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ އަސާސް ބިނާވެފައިވަނީ، މީގެކުރިން ރާއްޖޭގައި ދަމަހައްޓާފައިނުވާ މައިގަނޑު ތިންކަމެއްގެ މައްޗަށްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެއީ ބަޖެޓް ފޫނުބެދޭ މިންވަރު ކުޑަކުރުމަށްޓަކައި، ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމާއި، ދިވެހި ރުފިޔާ އިންތިހާއަށް ގިނަވެ، އޭގެ އަގު ދަށްވެގެންދިޔުން ހުއްޓުވުމަށްޓަކައި، ރުފިޔާ ޗާޕްކުރުން ހުއްޓާލުމާއި، ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކެއް ކޯޕަރަޓައިޒް އުޞޫލުން ޤާބިލުކަންހުރި އަމިއްލަ ފަރާތްތައް ޝާމިލުވެގެން ހިންގަމުންދާނެ މަގުތައް ފަހިކުރުމެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިޔާސަތެއް ތަންފީޛު ކުރުމުގެ ހެޔޮ ނަތީޖާ ފެންނަނީ، އެ ސިޔާސަތާ ގުޅޭގޮތުން ލާމެހި، ވަށާޖެހެންޖެހޭ އެތައް ކަމެއް ގުޅި އަދި އެސިޔާސަތާ ގުޅޭ ޤާނޫނީ ތަރަޙަތައް ބިނާވެ، ފުރިހަމައަށް ހިންގާން ފެށުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، މިހާތަނަށް ތަންފީޛު ކުރެވުނު މިންވަރުން ވަރަށް މުހިންމު އަސާސީ ހެޔޮ ނަތީޖާތަކެއް ފެންނަމުންދާކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކުރިއަށް އޮތް ތާނގައި ސަރުކާރުން އަޅުއްވަން ޤަޞްދު ކުރައްވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ޓޫރިސްޓް ޚިދްމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ޚިދްމަތުގެ އަގުން މިހާރު ނަގާ ސަތޭކައަކުން ތިނެއް ޕޮއިންޓް ފަހެއްގެ ބަދަލުގައި، އެ ޢަދަދަކީ ހަ ޕަސެންޓްގެ ޓެކްސްއެއްގެ ގޮތުގައި ހެއްދެވުމަށް ސަރުކާރުން މިހާރު ވިސްނަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. އަދި ޢާންމު ވިޔަފާރިތަކުންނާއި، ދޭ ޚިދްމަތުގެ އަގުންވެސް ތިން ޕަސެންޓެއްހާވަރުގެ ޓެކްސްއެއް ނެންގެވުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.