ޒުވާނުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށްޓަކައި ތަޢުލީމާއި، ތަމްރީނާއި، ތަރުބިއްޔަތުގެ ފުރުސަތުތައް ސަރުކާރުން ހޯދައިދޭން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "މޯލްޑިވްސް ޕޮލީޓެކްނިކް: ވޭ ފޯވަރޑް" ގެނަމުގައި އެ ފަރާތުން އިންތިޒާމްކުރެއްވި ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް މި ޖަލްސާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިއަދުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަން ބަޔާންކުރައްވައި، މުޖްތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ޒުވާނުން ނެރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލީޓެކްނިކް އުފެއްދެވީ، މި މަޤްޞަދު ޙާޞިލުކޮށްދެއްވުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ ތަރައްޤީ ދެމެހެއްޓުމަށާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގަޔާއި، މާރާމާރީއާއި، ގޭންގް ކުށްތަކާއި، މުޖްތަމަޢުގައި ޒުވާނުން ބާކީވެފައި ތިބުމުގެ މައްސަލަތައް ޙައްލުކުރުމުގަޔާއި، ތަޢުލީމީ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވެދެއްވޭނެ ހުރިހާ އެހީއެއް ވެދެއްވާނެކަމަށް ވިދާޅުވިއެވެ.