[ނިއު ސެވަން ވޮންޑަރސް] މުބާރާތުން ދިވެހިރާއްޖެ ވަކިވުމަށް، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި މުބާރާތުން ރާއްޖެ ވަކިވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް، އެދުވަހުގެ ޖަލްސާއިން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ވަނީ ނަންގަވާފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން، [ނިއު ސެވަން ވޮންޑަރސް] މުބާރާތުން ދިވެހިރާއްޖެ ވަކިވުމަށް ނިންމެވީ، މިދެންނެވި ވަޒީރުންގެ ސަބް ކޮމިޓީގެ ހުށަހެޅުއްވުންތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިމައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި، 2009 ވަނަ އަހަރުގެ ކުރީކޮޅު، މިމުބާރާތުގައި ރާއްޖެ ބައިވެރިވެ، މިހާހިސާބަށް އައިއިރު، މިމުބާރާތުގައި ބައިވެރިވެ ކުރިއަށް ދިޔުމަށް، މިމުބާރާތް އިންތިޒާމްކުރާ ފަރާތުން އަގުބޮޑު ފީއަކާއި އަދި ސްޕޮންސަރޝިޕް ޕެކެޖެއްގެ ޚަރަދު ދެއްކުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ކިބައިން އެދެމުންދާތީއާއި، މިކަމަކީ ވިޔަފާރީގެ އުޞޫލުން އެއްވެސްކަހަލަ ރަނގަޅު ޤަވާޢިދެއްނެތި ހިނގަމުން އަންނަ މުބާރާތެއް ކަމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި މިމައްސަލައިގައި، ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި، އެކިއެކި ޞިނާޢަތްތަކުގެ ވެރީންނާ ބައްދަލުކުރައްވައި، މިކަމާބެހޭ މަޝްވަރާތައް ކުރެވިފައިވާ ކަމާއި، މިމުބާރާތުން ދިވެހިރާއްޖެ ވަކިވުމަށް، އެފަރާތްތަކުންވެސް މަޝްވަރާ ދެއްވާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ވިދާޅުވެފައިވެއެވެ.