[މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ]ގެ ނަމުގައި އާ އޮތޯރިޓީއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާއަށް، މި އޮތޯރިޓީ އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އުފެއްދެވުމަށް މިނިންމެވީ، ރާއްޖޭގެ ބިމާއި، ފަރާއި، ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ މަޢްލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ކެޑެސްޓްރަލް ސަރވޭގެ މިންގަނޑުތައް އެކުލަވާލައި، ތަންފީޛު ކުރާނެ ވަކި މުއައްސަސާއެއް ނެތުމާއި، މިކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ގެންދިޔުމަކީ، މިހާރު ވަރަށް މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީއެވެ. އަދި އެކިދާއިރާތަކުން މިހާރު ކުރަމުން ގެންދާ މިކަމާ ގުޅުންހުރި މަސައްކަތްތައް، އެއްއޮފީހަކުން ކުރަމުން ގެންދިޔުމުގެ މުހިންމުކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.