28 އޭޕްރިލް 2011ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ބައްލަވާލައްވައި، އެމައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިގޮތުން، މި ބިލްގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނީ އެކައުންޓްގައި ފައިސާ ނެތި ދޫކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް، މިކަމާގުޅޭގޮތުން މިހާރު ޢަމަލުކުރެވެމުންދާ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ ދަށުން، ޗެކެއް ދޫކޮށް އެޗެކްގައިވާ އަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައިނުވުންވެސް އެއީ ކުށެއްކަމަށް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، މި ބިލުގައި މިހާރު އޮތް ގޮތުން، މީހަކު ޤަޞްދުގައި ޗެކްގައި ނުބައި ސޮއި ކުރުމުން، ޗެކަށް ފައިސާ ނުލިބޭ މައްސަލަތަކުގައި، އެފަދަ ފަރާތްތަކުން އެފައިސާ ހަމަޖައްސައިދޭން ނުޖެހި، ޗެކަށް ފައިސާ ނުލިބޭ ހުރިހާ މައްސަލައެއްގައި، މިބިލްގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި ބިލްގެ 3 ވަނަ މާއްދާގެ (ށ) ގައި ޗެކް ދޫކުރި އެކައުންޓްގެ ވެރިފަރާތުން ޗެކްގައިވާ ޢަދަދަށް ފައިސާ ހަމަޖައްސައިދިނުން ހުއްޓުވިދާނެ 5 ޙާލަތެއް ތަފްޞީލުކޮށް ބަޔާންކޮށްފައިވުމުން، އެ ޙާލަތުތަކުގެ ބޭރުން ދިމާވެދާނެ ކަމަކާ ގުޅިގެން، ޗެކެއް ހުއްޓުވަން ޖެހިއްޖެނަމަ، ޢަމަލުކުރާނެ ގޮތެއް، ބިލްގައި ބަޔާންކޮށްފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ބިލްގެ 3 ވަނަ މާއްދާގެ (ނ) ގައި ކުންފުންޏަކުން ދޫކުރާ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، ހަމައެކަނި ޗެކްގައި ސޮއިކުރި ފަރާތް ނުވަތަ ފަރާތްތައް ކުށްވެރިވާ ގޮތަށް އޮތުމުން، މިފަދަ ޗެކެއް ދޫކުރީ، ކުންފުންޏެއްގެ އިސްކޮށްހުރި ފަރާތެއްގެ އެންގުމަކާ ގުޅިގެން ކަމުގައިވީ ނަމަވެސް، ކުންފުންޏެއްގެ އިސްކޮށް ހުންނަ ފަރާތް ކުށްވެރިނުވާނެތީ، ކުންފުނީގެ އެންމެ އިސްފަރާތުގެ އަމުރަކަށް ދޫކުރާ ޗެކަކަށް ފައިސާ ނުލިބުމުން، ކުށްވެރިވާނީ ހަމައެކަނި ޗެކްގައި ސޮއިކުރާ ފަރާތް ކަމުގައި އޮތުމަކީ، އެންމެ އިންޞާފުވެރި ގޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެކައުންޓްގައި ފައިސާނެތި ބޮޑު ޢަދަދެއްގެ ޗެކެއް ދޫކުރިނަމަވެސް، އެކަމުގެ އަދަބަކީ ގިނަވެގެން ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް އޮތުމަށްފަހު، ޖޫރިމަނާ ނުދައްކައިފިނަމަ، ޢަމަލުކުރާނެ ގޮތެއް ނެތުމުން، އެކަމުގެ ސަބަބުން ޗެކުންކުރާ ވިޔަފާރީގެ މުޢާމަލާތުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ފެނިވަޑައިގަންނަވާތީ، ބިލްގައި، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ އަދަބެއްގެ ގޮތުގައި ހަމައެކަނި ޖޫރިމަނާ ކުރުން އޮތުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމަކީ، މިހާރުވެސް ވަރަށް ބޮޑަށް ޢާންމުވެފައިވާ، އެކަމުގެ ސަބަބުން އިޤްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ އަދި އެކަމަށް މާބޮޑު ޙައްލެއް ލިބިފައިނުވާ މައްސަލައަކަށްވާއިރު، މިހާރު އޮތްގޮތަށް މި ބިލް ތަޞްދީޤު ކުރައްވައިފިނަމަ، މިމައްސަލައަށް ޙައްލެއް އައުމުގެ ބަދަލުގައި، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ މައްސަލަތައް އިތުރުވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.