ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.އިން ކޮންމެ އަހަރަކު ދެއްވާ "ޑަބްލިޔޫ.އެޗް.އޯ. ވަރލްޑް ނޯ ޓޮބޭކޯ އެވޯޑް 2011"، މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު ހިމެނިވަޑައިގަތުމާ ގުޅިގެން، އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑަބްލިޔޫ.އެޗް.އޯ.އިން، އެކަމަނާއަށް މި އެވޯޑް އެރުއްވުމަށް ނިންމެވުމުގައި، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެކަމަނާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. އަދި މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތައްޔާރު ކުރައްވައި، ފާސްކުރެއްވުމަށް ބާރުއެޅުއްވުމަށް ޑޮކްޓަރ އާމިނަތު ޖަމީލް ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ކުރައްވާފައިވެއެވެ.

މީގެއިތުރުން، ޑޮކްޓަރ އާމިނަތު ޖަމީލްގެ ޤާބިލް އިސްނެންގެވުމަކީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، ޑަބްލިޔޫ.އެޗް.އޯ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް، ރާއްޖޭގައި ފުރިހަމައަށް ތަންފީޒު ކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޖަމްޢިއްޔާއިން އުންމީދު ކުރައްވައެވެ.