ހަންގެރީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ގިޒާ ޕަލްމައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ހަންގެރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއާއި ހަންގެރީއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވައި ފުޅާކުރެއްވުމަށް ޑޮކްޓަރ ޕަލްމައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތަކާއި އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

ހަންގެރީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަލަށް ޤާއިމުކުރެވިފައިވާ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރްޞަތުތަކުގެ ބޭނުންހިފައި، ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްޕުޅުތަކެއް ކޮށްދެއްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ފޮރިންޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙުމަދު ދީދީ ބައިވެރިވަޑައިގެންނެވިއެވެ.