ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސްވިޑްންގެ ސަފީރު މިސްޓަރ ލާރސް-އޮލޮފް ލިންޑްގްރެން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މި ޒިޔާރަތުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެއާއި ސްވިޑްންއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ މުޢާމަލާތުތައް އިތުރުކުރުމަށް ސްވިޑްންގެ އެހީތެރިކަން ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ސްވިޑްންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙު ބައްޓަންކުރެއްވުމާއި، ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހިން ހޭލުންތެރިކުރުވައި، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ސްވިޑްން ސަފީރު ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙުމަދު ދީދީ ބައިވެރިވަޑައިގެންނެވިއެވެ.