އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)ގެ ސްޓޭންޑް ބައި އެރޭންޖްމަންޓް އަދި އެގްޒޯޖެނަސް ޝޮކްސް ފެސިލިޓީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ހިނގަމުންދާގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްޓަކައި މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައި.އެމް.އެފް.ގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ސަރުކާރުން ގެންނަވަމުން ގެންދަވާ ބަދަލުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އައި.އެމް.އެފް.ގެ ވަފްދުގެ ބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ސަރުކާރުން، މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ހަމަޖައްސަވާފައިވާ އިޤްތިޞާދީ އިޞްލާޙީ ބަދަލުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ އައި.އެމް.އެފް.ގެ ވަފުދުގެ ބޭފުޅުންނަށް ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އައި.އެމް.އެފް.ގެ މިޝަންގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް އާމްދަނީ ލިބޭ ގޮތްތަކަކީ ދެމެހެއްޓެނިވި ގޮތްތަކަކަށް ހެއްދެވުމަށް، ސަރުކާރުގެ ސިޔާސަތަށް ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަދަލުތަކަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ދިވެހި ފައިސާއިން، އެމެރިކާ ޑޮލަރުގެ އަގު ކަނޑައަޅާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީއަށް ބަދަލު ގެނައުމުގެ މުހިންމުކަން އައި.އެމް.އެފް.ގެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އައި.އެމް.އެފް.ގެ މިޝަންގެ ބޭފުޅުން މިފަހަރު ރާއްޖެއަށް މިކުރެއްވި ޒިޔާރަތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި އެ ވަފުދުގެ ފަރާތުން ރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ބައްދަލުވުންތަކަށްފަހު، އެކަމުގެ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެ ކަމުގައިވެސް އައި.އެމް.އެފް.ގެ ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބޭއްވުނު މަޝްވަރާތަކުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ އިޤްތިޞާދީ އިޞްލާޙީ ބަދަލުތައް މަޖިލީހުން ފާސްވުމަކީ، އައި.އެމް.އެފް.އިން ރާއްޖޭގައި ހިންގާ އެހީގެ ޕްރޮގްރާމް އަލުން ފެށުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.