މިދައުރުގެ ބާކީ އޮތް ތާނގައި ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާނީ، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި މިއަދު ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި، މިސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ބޭއްވެވި ކޮމިއުނިޓީ ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު 4 ދާއިރާއިން ވަޒީރުން، އެބޭފުޅުންގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ. އެދާއިރާތަކަކީ، އިޖްތިމާޢީ ދާއިރާއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއެވެ.

އިޖްތިމާޢީ ދާއިރާއާ ބެހޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި، ތަޢްލީމާއި، ޞިއްޙީ ޚިދްމަތާއި، އިޖްތިމާޢީ ރައްކާތެރި ކަމާއި، ޒުވާނުންނާއި ކުޅިވަރު އަދި އިންސާނީ ވަސީލަތްތަކުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވަޒީރުން ބައްލަވާލެއްވިއެވެ. ޢުމްރާނީ ތަރައްޤީއާބެހޭ ޕްރެޒެންޓޭޝަންގައި، ބޯހިޔާވަހިކަމާއި، ބަނދަރާއި މަގު ހެދުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާއާއި، ހަކަތައާއި އަދި ސާކް ސަމިޓްގެ ކަންތައްތަކާ ބެހޭގޮތުން މަޢްލޫމާތު ދެއްވިއެވެ. ހެޔޮވެރިކަމާބެހޭ ޕްރެޒެންޓޭޝަންގައި، ވަޒީރުން މަޢްލޫމާތު ދެއްވީ، މަޢްލޫމާތު ދެއްވީ، ލާމަރްކަޒު ކުރުމާއި، މަސްތުވާ ތަކެއްޗާއި، ކުށްކުރުން ހުއްޓުވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އިޤްތިޞާދީ ދާއިރާއިން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި، ބާޒާރު ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމްގެ މައްޗަށް ބައްލަވާލައްވައި، މިކަންކަމާ ބެހޭގޮތުން މަޢްލޫމާތު ދެއްވިއެވެ.

މިއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރްޞަތު، ރައްޔިތުންނަށް ހުޅުއްވައިލެއްވިއެވެ. މި ފުރްޞަތުގައި މިކަންކަމާ ގުޅޭގޮތުން ރައްޔިތުން ހުށަހެޅުއްވި އެކި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާއި، ނައިބު ރައީސާއި، ކަމާބެހޭ ވަޒީރުން ޖަވާބު ދެއްވައި، ކަންކަން އޮޅުންފިލުއްވައިދެއްވިއެވެ.