ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ގަލޮޅު ސަމަންތާ މުޙަންމަދު އަސްވާން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު އަސްވާނަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިލިޔުން މުޙަންމަދު އަސްވާނާ ޙަވާލު ކުރެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ގެންނަވަމުން ގެންދަވާ އިޞްލާޙުތަކުގެ ތެރޭގައި، ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާއާއި އިޤްތިޞާދީ ދާއިރާގެ އިޞްލާޙުތައްވެސް ހިމެނޭ ކަމަށް ވިދާޅުވެ، އިޤްތިޞާދީ ދާއިރާގެ ތެރެއިން މާލީ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަކީވެސް ސަރުކާރުން އިސްކަން ދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކފުޅު ދައްކަވަމުން، މާލީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މުއައްސަސާއަކީ، ކަސްޓަމްސް ކަމަށާއި، ކަސްޓަމްސްގެ މަސައްކަތްތައް ޤާނޫނެއްގެ ތެރެއިން ހަމަޖެހި، މަސައްކަތްތައް ވަރަށް ރަނގަޅަށް ކަނޑައެޅުނުކަން އެއީ، ކަސްޓަމްސްގެ ދާއިރާއަށް ލިބުނު ތަރައްޤީއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމިޝަނަރ ޖެނެރަލްކަމުގެ މަގާމަށް މުޙަންމަދު އަސްވާން މި ޢައްޔަންކުރެއްވީ، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، އަސްވާން ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިންގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވާ، މުޙަންމަދު އަސްވާން ކުރެއްވިއެވެ.

މުޙަންމަދު އަސްވާން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.